އެންމެ ފަހުން ލީގުގައި ނިއު އަތުން ބަލިވީ އެއީ ގްރީންގެ ދަށް ދުވަހަކަށްވުމުން ކަމަށާއި މިފަހަރު އެހެން ނުވާނެ ކަމަށް ގްރީންސް ޓްރީޓްސްގެ ކޯޗު ސުޒޭން ބުނެފިއެވެ.
އެސްޓީއޯ މާލެ ލީގްގެ ދެވަނަ ބުރުގައި ނިއުރޭޑިއެންޓާ ދެކޮޅަށް ނުކުންނަ މެޗްގެ ކުރިން ސުޒޭން ބުނީ ނިއުއަކީ އިންޑިއާގެ ވަރުގަދަ ޓީމްތައް ބަލިކޮށްފައިވާ ސަރަހައްދުގެ އެންމެ ވަރުގަދަ ޓީމް ކަމަށާއި ނިއު އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށެވެ. އަދި ނިއުގެ އޮތީ ތަފާތު، މޮޅު ސްޓްރައިކިންގ ފޯސްއެއް ކަމަށާއި އެކަމަށް ވިސްނަންޖެހޭނެ ކަމަށްވެސް ސުޒޭން ބުންޏެވެ.
އެސްޓީއޯ މާލެ ލީގްގެ ފުރަތަމަ ބުރުގައި ނިއުރޭޑިއެންޓް އަތުން ހަޔެއް އެކަކުން ބަލިވި މެޗުގައި އެހާ ތަފާތުބޮޑުކޮށް ބަލިވީ ސަސްޕެންޝަންއާއި އަނިޔާގެ ސަބަބުން ޓީމްގެ މުހިންމު ކުޅުންތެރިންތަކެއް ނުލާ މެޗު ކުޅެންޖެހުމުން ކަމާށާއި، މި މެޗުގައި ތަފާތު ފެންނާނެކަންވެސް ސުޒޭން ފާހަގަކުރިއެވެ.
"އެ (ނިއު އަތުން ބަލިވި) ދުވަހަކީ ގްރީންގެ ވަރަށް ދަށް ދުވަހަކަށްވެފަ ހަމަ ދެ ކުޅުންތެރިޔަކު ތިންކުޅުންތެރިޔަކު ވަރު ނުވެސް ކުޅެވުނު ސަސްޕެންޝަންއާ އިންޖަރީއާ ބައިވަރު ސަބަބުތަކާހެދި، އެހެންވީމަ އެކަހަލަ އުނދަގޫ ހާލަތެއްގަ އޭރުއޮތީ. އެހެންވީމަ ހަމަ އެއަށްވުރެ ނަތީޖާ ރަނގަޅު ކުރެވޭނެ ކަމަށް ގްރީންސްޓްރީޓުން އުންމީދުކުރަނީ" ސުޒޭން ބުންޏެވެ.