ކުޅިވަރު

މިނިވަން ޗެންޕިއަންޝިޕް ތިމަރަފުށި ކާމިޔާބުކޮށްފި


ފަސޭހަ ކަމާއެކު ށ. ފޯކައިދޫ 3-0 ން ބަލިކޮށް، މިނިވަން ޗެމްޕިއަންޝިޕުގެ ތަށި ތ. ތިމަރަފުށި ކާމިޔާބުކޮށްފިއެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ކުޅުނު މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ކާމިޔާބު ކުރި ދެ ޓީމު ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗުގައި ތިމަރަފުށީގެ ފުރަތަމަ ދެ ލަނޑު ޖެހީ ފުރަތަމަ ހާފުގެ ތިން މިނިޓް ތެރޭގައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހީ 36 ވަނަ މިނިޓްގައި އަހުމަދު ހައިލަމްއެވެ. އޭނާ މި ލަނޑުޖެހިތާ ތިން މިނިޓް ފެހުން ދެ ވަނަ ލަނޑު ޖެހީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި މިޑްފީލްޑަރު އަމީން ޝާހެވެ. ހާފުގެ މެދަކާ ހަމައިން އޭނާ ފޮނުވާލި ބާރު ބޯޅަ ވެގެންދިޔައީ މި ސީޒަނުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ރީތި ގޯލަށެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ފޯކައިދޫގެ ފޯވަޑް މުހައްމަދު ފާރިޝް އިބްރާހީމް ދޭތެރެ ދޭތެރެއިން ތިމަރަފުށީގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް ތިން ވަނަ ލަނޑެއް ވެސް ޖެހީ ތިމަރަފުށިންނެވެ. ތިންވަނަ ލަނޑު ޖެހީ މެޗުގެ އިތުރު ވަގުތުގައި ބޯޅަ ނެތީސް ފޯކައިދޫގެ ކީޕަރު އަހުމަދު ޝާހިދު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. ބިދޭސީ ކުޅުންތެރިޔާ ތޫންޑޭ މި ޕެނަލްޓި ކާމިޔާބު ކުރިއިރު ފޯކައިދޫގެ ކީޕަރަކަށް ހުރީ ކެޕްޓަން ހުސައިން ފަޒީލްއެވެ. އެއީ އޭރު ތިން ބަދަލު ހަމަވެފައިވާތީ ބަދަލު ކީޕަރު ކުޅެން އެރުވޭނެ ގޮތެއް ނެތުމުންނެވެ.

މިއީ މިނިވަން ޗެމްޕިއަންޝިޕުގެ ތަށި ތިމަރަފުށި ހޯދި ފުރަތަމަ ފަހަރެވެ. އެ ޓީމު 2016 ވަނަ އަހަރުގެ ފައިނަލްގައި ބ. އޭދަފުށި އަތުން ވަނީ ބަލިވެފައެވެ.
މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ހަތަރު ޓީމަށް އަންނަ މަހު ފަށާ އުރީދޫ ދިވެހި ޕްރެމިއާ ލީގުން ފުރުސަތު ލިބޭނެއެވެ. އެ ހަތަރު ޓީމަކީ ތިމަރަފުއްޓާއި ފޯކައިދުއާއި، ފ. ނިލަންދު އާއި ބ. ފެހެންދޫއެވެ.