ކުޅިވަރު

މާދަމާގެ މެޗު ޚާއްޞަ ވަނީ ދިވެހި ފުޓްބޯޅައަށް: އޮސްކާ


ނިއުރޭޑިއަންޓު މެޗަށް ނިކުންނައިރު މެޗު ހާއްސަ ވަނީ ރާއްޖޭގެ ފުޓްބޯޅައަށްކަމަށް ނިއުގެ ކޯޗު އޮސްކާ ބުނެފިއެވެ.

ގުރޫޕް ސްޓޭޖްގެ ފަހުމެޗު ކުޅުމަށް އިންޑިޔާގައި ބޭއްވި ފުރަތަމަ ފަރިތަކުރުންތަކަށް ފަހު ޕީއެސްމް ސްޕޯޓްސްއާ ވާހަކަދައްކަމުން ނިއުގެ ކޯޗު އޮސްކާ ބުނީ ޓީމުއޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށްކަމަށާއި، ޓީމުގައި ހާސްވާވަރުގެ އެއްވެސް ކަމެއް ނެތްކަމަށެވެ. ސޯޅަ ގަޑިއިރުގެ ދަތުރަކަށްފަހު ޓީމުގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނުނު ނަމަވެސް ހުރިހާ ކުޅުންތެރިންވެސް އިއްޔެ ޕްރެކްޓިސްގައި ބައިވެރިވީ ރަނގަޅަށް އަރާމުކުރުމަށްފަހު ކަމަށް ކޯޗު އޮސްކާ ބުންޏެވެ.
އޮސްކާ ވަނީ މިމެޗު ކުލަބް ލެވެލްގެ މެޗަކަށް ވުރެ ބޮޑަށް ޤައުމީ މެޗެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެކަމަށް އިޝާރަތްކޮށް ކޯޗު އޮސްކާ ބުނީ މެޗަށް ނިކުންނައިރު ނިއުރޭޑިއަންޓަކީ ދެވަނަ ބުރަށް ކޮލިފައިވުމަށް ގުރޫޕުގައި އެންމެ ބޮޑުށް ފުރަސަތު ހުޅުވިފައޮތް ޓީމުކަމަށާއި، މިއީ ދިވެހި ސަޕޯޓަރުންވެސް ފަޚުރުވެރިވާނެ ފަދަ ވަގުތަކަށް ހަދަން ބޭނުންވާކަމަށެވެ. އޭނާ ބުނީ ޓީމުގެ ކުޅުންތެރިންވެސް ތިބީ އެރޫހުގައި ކަމަށާއި، ޤައުމީ ކަމެއްކަމަށް ދެކިގެން މެޗުން މޮޅުވެ، ޤައުމަށް ރީތިނަން ހޯދައިދިނުމަށް ކުޅުންތެރިން ތައްޔާރުކަމަށެވެ.

" މިއީ ވަރަށް ވާދަވެރި މެޗަކަށް ވެގެންދާނެ. އަހަންނަށް މިހާލަތުގައި ސިފަވެގެން ދަނީ ކުލަބަށްވުރެ ޤައުމަށް ރީތިނަން ހޯދައިދިނުމަށް ކުޅުންތެރިންގެ ރޫހު ހުރިވަރު. އެއީ ބަޔަކު މަސައްކަތް ކުރަމުންމިދަނީ ދެވަނަ ބުރަށް ކޮލިފައިވުމަށް. ޔަޤީން ރާއްޖޭގައި ތިބި ސަޕޯޓަރުން ފަޚުރުވެރިވާނެކަން" ޓީމާއެކު ގުވަހައްޓީގައި ހުރި ޕީއެސްއެމް ސްޕޯރޓްސްގެ ޖަރނަލިސްޓަށް މައުލޫމާތުދެމުން އޮސްކާ ބުންޏެވެ.

ނިއުރޭޑިއަންޓުގެ ކޯޗު އޮސްކާ ބުނީ އިއްޔެ ބޭއްވި ފުރަތަމަ ފަރިތަކުރުންތައް ދިޔައީ ވަރަށް ފުރިހަމައަށްކަމަށާއި، މޫސުން ވަކި ރާއްޖެއެކޭ ތަފާތެއް ނެތްކަމަށެވެ. އޭނާ ބުނީ މެޗު ކުޅޭ ގަޑި އިރުއޮއްސޭ ގަޑިއަށް ވެފަ، ފިނިވިޔަސް ގިނަ ކުޅުންތެރިން މި ފިނީގައި މެޗުތައް ކުޅެފަވުމުން ކުޅުންތެރިން ފަރިތަވާނެކަމަށެވެ. އޮސްކާ ބުނީ ޓީމުން ބާއްވާ އެންމެފަހު ފަރިތަކުރުން ތަކުގައި ބޮޑަށް ތައްޔާރުވާނީ ކުޅޭދަނޑަށް ކުޅުންތެރިން ހާނުވަންކަމަށެވެ.

ގުރޫޕުގެ ފަހު މެޗުގައި އިންޑިޔާގެ އައިޒޯލް އެފްސީ ދެކޮޅަށް ނުކުންނާނީ މާދަމާއެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން ފަސްގަޑި ސާޅީސް ފަހެއްގައެވެ.