ކުޅިވަރު

ވިކްޓްރީ ދިވެހި ލީގަށް، ވެލެންސިޔާ ކޮލިފައިންގއަށް!


ތާވަލުގެ ފުލުގައި އޮތް ވެލެންސިއާ ބަލިކޮށް، ވިކްޓްރީ ސްޕޯރޓްސް ކްލަބް ދިވެހި ޕްރިމިއަރ ލީގުން ޖާގަ ކަށަވަރުކޮށްފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި ރޭ ވެލެންސިޔާގެ މައްޗަށް ވިކްޓްރީ ކުރި ހޯދީ 3-1 ލަނޑުންނެވެ. ވިކްޓްރީގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 30 ވަނަ މިނެޓްގައި ޖަހާ އެ ޓީމަށް ކުރި ހޯދައިދިނީ އަހުމަދު ނާޝިދުއެވެ. އެއް ލަނޑުގެ ލީޑެއްގައި އޮވެ ފުރަތަމަ ހާފް ނިންމާލި ވިކްޓްރީގެ ދެވަނަ އަދި ތިންވަނަ ލަނޑުވެސް ޖަހައިދީ އެ ޓީމްގެ ލީޑް ފުޅާކޮށްދިނީ ޓީމްގެ ބިދޭސީ ފޯވާޑް ސައިމަން ޓީބޯއެވެ.
މެޗް ނިމެންދަނިކޮށް ލިބުނު ޕެނަލްޓީއަކުން ވެލެންސިއާގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ޑްރީގާ ސާޖީއެވެ. މެޗުގެ ފަހުކޮޅު ވެލެންސިޔާއިން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކުރިއެވެ.

މިނަތީޖާގެ ސަބަބުން ދިވެހި ލީގަށް ކޮލިފައިވުމުގެ ފުރުޞަތު ވެލެންސިޔާއަށް ވަނީ ބަންދުވެފައެވެ. އެޓީމް އެއް ޕޮއިންޓާއެކު އޮތް އިރު، ބާކީ އޮތް ތިން މެޗުން މޮޅުވި ނަމަވެސް ލިބޭނީ ދިހަ ޕޮއިންޓެވެ. އޭރުން މިވަގުތު ހަ ވަނާގައި އޮތް ގްރީންއާއި ޕޮއިންޓްގެ ގޮތުން އެއްވަރުވާނެއެވެ. އޭރުންވެސް ފައިދާ ގޯލަށް ބަލާއިރު ކުރި ހޯދުމަކީ ވެލެންސިޔާއަށް ވުން ދުރުކަމެކެވެ.

ވިކްޓްރީ ދިވެހި ލީގަށް ކޮލިފައިކޮށްދިނުމަށްފަހު ވެލެންސިޔާގެ ކުރީގެ ކޯޗު ލާސްލޯ ކިސް ބުނީ ވިކްޓްރީ ލީގަށް ކޮލިފައިކޮށްދެވުމުން ވަރަށް ބޮޑަށް އުފާވެއްޖެކަމަށާއި، ކުޅުންތެރިންނާއި، މެނޭޖްމަންޓަށްވެސް މަރުހަބާ ކިޔާކަމަށެވެ.

" ވަރަށް ރަނގަޅު މަސައްކަތް، ޕްރިމިއާ ލީގުގައި ވިކްޓްރީގެ ފުރަތަމަ ފަހަރު، ވަރަށް އުފާވެފަ މިހުރީ، މިރޭގެ މެޗަކީ ވަރަށް އުނދަގޫ މެޗެއް. ޓީމް ކޮޅަށް ވަން ގޯލަކީ މައްސަލައެއް، އެކަމަކުވެސް ވަރަށް އުފާވެއްޖެ" ކިސް ބުންޏެވެ.

މެޗަށްފަހު ވެލެންސިޔާގެ އެސިސްޓެންޓް ކޯޗު އާދަމް އަބުދުއްލަތީފް، ލައްޗޭ ބުނީ މޮޅުވެވޭނީ މޮޅުވެވޭނެކަން ޤަބޫލުކޮށްގެންކަމަށެވެ. މެޗަށް އައީ މޮޅުވާން ކަމަށާއި، އަނިޔާގެ މައްސަލަތަކާވެސް އެކު އެކަން ކާމިޔާބު ނުވީކަމަށް ކުރީގެ އެއްވަނަ ފޯވާޑް ބުންޏެވެ. މިސްޓޭކްސްތައް ފާހަގަކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވާން މަސައްކަތް ކުރާނެކަމަށް މިސީޒަންގައި އަދި މޮޅެއް ނުވެ އޮތް ހަމައެކަނި ޓީމުގެ އެސިސްޓެންޓް ކޯޗު ބުންޏެވެ.

އެސްޓީއޯ މާލޭ ލީގުގައި މިރޭ ވާދަކުރާނީ ތާވަލުގެ އެއްވަނައިގައި އޮތް ނިއުރޭޑިއެންޓާއި ދެވަނައިގައި އޮތް އީގަލްސްއެވެ.