ކުޅިވަރު

ދެ ކޯޗުންނަށްވެސް ހިތްހަމަޖެހުން ލިބުނީ ޒުވާން ކުޅުންތެރިންނަށް ފުރުޞަތު ދެވުމުން


ޓީމުގައި މިހާރު ތިބި ޒުވާން ކުޅުންތެރިން މި ނޫން އެހެން ލެވެލްއަކަށް ގެންދެވޭނީ، އެ ކުޅުންތެރިންނަށްވެސް ކުޅުމުގެ ފުރުސަތު ދީގެންކަމަށް ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުނެފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި ރޭ ޔުނައިޓެޑް ވިކްޓްރީ އާއި ވާދަކޮށް ދެ ލަނޑު ދެ ލަނޑުން އެއްވަރުވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މޯހަން ބުނީ މިހާރު މަސައްކަތް ކުރަމުން ދަނީ ވަރަށް ޅަ ޓީމެއް ގޮވައިގެން ކަމަށާއި، އެ ކުޅުންތެރިން ކުރާ މަސައްކަތާ ދޭތެރޭ ހިތްހަމަ ޖެހޭކަމަށެވެ. ރޭގެ މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މޯހަން ބުނީ މި މެޗަކީ އީގަލްސްއަށް މޮޅުވެވެން ޖެހޭނެ މެޗެއް ކަމަށެވެ. ނަމަވެސް މެޗުގައި އެނާގެ ޓީމުގެ ފަރާތުން ވަރަށް ގިނަ މިސް ޕާސްތައްވެސް ފެނިގެން ގޮސްފި ކަމަށާއި، ހާއްސަކޮށް އެޓޭކް ތަކުގައި ވަރަށް ގިނަ މިސްޓޭކްތައް ހެދިގެން ދިޔަކަމަށެވެ.

"ޖުމްލަކޮށް މުޅި މެޗަށް ބަލާއިރު ހިތްހަމަޖެހޭ ވަރުގެ ނަތީޖާއެކޭ ނެތް ބުނެވޭކަށް، އެއީ ވަރަށްގިނަ މިސް ޕާސްތަށްވެސް ފެނިގެންގޮސްފި. ހާއްސަކޮށް ނިންމަން ޖެހޭ ބޯޅަ ތަކުގައި، ދެން މިހާރު ކުޅުވަމުން މި އަންނަނީ ވަރަށް ޒުވާން ކުޅުންތެރިންތަކެއް ލައިގެން. ކުރިމަގަށް ބަލާނަމަ މި ކުޅުންތެރިންނަށްވެސް ފުރުސަތުދީގެން ރަނގަޅު ޓީމެއް ބިނާ ކުރެވޭނީ". އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) ބުންޏެވެ.

ރޭގެ މެޗުން އެއްވަރުވެ މާލޭ ލީގުގެ ގަދަ ހަޔަކަށް ވަނުމުގެ ފުރުސަތު ގެއްލުނު ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ މި މެޗަކީ މާލޭ ލީގުގެ ޕްލޭ އޮފަށް ދިއުމުގެ ކުރިން ޓީމަށް ލިބުނު ތަޖުރިބާއެއްކަމަށެވެ. އަދި އާ ކުޅުންތެރިންނަށް މި މެޗުގައި ފުރުސަތު ދެވުމުން އެކަމާ ހިތްހަމަޖެހޭކަމަށްވެސް ނަޒީހު ބުންޏެވެ.

"ޖުމްލަކޮށް މެޗުގެ ކުޅުން ރަނގަޅު. ދެން ޕްލޭ އޮފާ ހިސާބަށް ދާއިރު ޓީމަށް ލިބުނު ތަޖުރިބާއެއްކަމަށް މި ބަލަނީ މީ. ދެން ވަރަށް ހިތްހަމަޖެހޭ އާ ކުޅުންތެރިންނަށް މި މެޗުގައި ކުޅެލަން ފުރުސަތު ދެވުމުން". ޔޫވީގެ ކޯޗު މުހައްމަދު ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ މުޅި މެޗުގައި އީގަލްސް ރަނގަޅަށް ކުޅުނު ނަމަވެސް، ޔޫވީން ރަނގަޅަށް ކުޅުނު ވަގުތުތަކުގައި ގޯލާ އަމާޒުކޮށް ރަނގަޅު ހަމަލާތަކެއް އުފެއްދިކަމަށެވެ.