ކުޅިވަރު

ދެ ވަނަ ކީޕަރުގެ ގޮތުގައި ހުންނަން އުނދަގޫވޭ - ޓާ ސްޓެގަން


ޖަރުމަނުގެ ގައުމީ ޓީމުގެ ދެ ވަނަ ކީޕަރުގެ ގޮތުގައި ހުންނަން ޖެހުމުން ވަރަށް ބޮޑަށް އުނދަގޫވާން ފަށައިފިކަމަށް ގޯލްކީޕަރު މާކް އަންދްރޭ ޓާސްޓެގަން ބުނެފިއެވެ.

ބާސެލޯނާގެ ކީޕަރު މިހެން ބުނީ މި ސީޒަނުގައި މޮޅަށް ކުޅެ ވޯލްޑް ކަޕުގައި ގައުމީ ޓީމުގެ ކީޕަރުކަން ކުރަން އޭނާ ކުރަމުން އައި އުއްމީދުތައް އެންމެ ފަހު ވަގުތު ފެނަށް ވުމުންނެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އަނިޔާގެ ސަބަބުން މެޗެއް ނުކުޅެހުރި ގައުމީ ކެޕްޓަން އަދި ކީޕަރު މެނުއަލް ނޯޔާ މުޅިން ފިޓްނުވި ނަމަވެސް އޭނާ ލައްވައި މެޗުތައް ކުޅުވަން ކޯޗު ނިންމުމުންނެވެ.

"އެއީ އަހަންނަށް އުނދަގޫވާ ކަމެއް. އެކަމަކު އަހަރެން މިދަނީ ޓީމަށް އެހީވަމުން. އަހަރުމެން މަސައްކަތް މިކުރަނީ ވޯލްޑް ކަޕް ކާމިޔާބުކުރަން. އެކަން ކުރުމަށްޓަކައި ޓީމަށް ވާންޖެހޭ ހުރިހާ އެހީތެރިކަމެއް އަހަރެންދޭނަން. ޓީމެއްގެ ގޮތުގައި އަހަރުމެން އެންމެންވެސް މަސައްކަތް މިކުރަނީ،" ނޯޔާ ނެތި ކުޅުނު މެޗުތަކުގައި އެއްވަނަ ކީޕަރުކަން ކުރި ޓާސްޓެގަން ބުންޏެވެ.

ނޯޔާ އަކީ އެންމެ ފަހުގެ ވޯލްޑް ކަޕުގެ އެންމެ މޮޅު ކީޕަރެވެ. ނަމަވެސް އޭނާ މުޅިން ފިޓްނުވާތީވެ ގްރޫޕުގެ ސްޓޭޖުގެ މެޗުތަކުން ނަމަވެސް ޓާސްޓެގަން އަށް ފުރުސަތުދޭން ބައެއް މީހުން ދަނީ ގޮވާލަމުންނެވެ.