ޚަބަރު

ކިމް -ޓްރަމްޕް ސަމިޓާމެދު ޗައިނާ އާއި ޖަޕާނުގެ ބަސް


އުތުރު ކޮރެއާގެ ނިއުކްލިޔަރ ހަތިޔާރުގެ މައްސަލައިގައި އެ ގައުމުގެ ޒަޢީމް ކިމް ޖޮންގް އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ބޭއްވި ތާރީޚީ ބައްދަލުކުރެއްވުމަށް، އެ ސަރަހައްދުގެ ދެ ބާރު ކަމަށްވާ ޗައިނާއާ ޖަޕާނުން މަރުޚަބާކިޔައިފިއެވެ. ސިންގަޕޫރުގެ ސެންޓޯސާގައި ކުރިއަށް ދިޔަ ބައްދަލުކުރެއްވުމުގައި ދެ ޤައުމުންވެސް ވަނީ، ކުރިއަށް އޮތްތަނުގެ ގުޅުން ބަދަހިކުރުމަށް މުހިއްމު ކަންކަމާ ބެހޭގޮތުން އެއްބަސްވެފައެވެ.

އަންގާރަ ދުވަހު އުތުރު ކޮރެއާގެ ޒަޢީމް ކިމް ޖޮންގް އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިންގަޕޫރުގައި ބޭއްވި ސަމިޓަކީ ދުނިޔޭގެ ތާރީޚުގައިވެސް މި ދެ ޤައުމުގެ އެންމެ އިސްވެރިންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުންގެ މެދުގައި ބޭއްވި ފުރަތަމަ ބައްދަލުކުރެއްވުންނެވެ. މި ބައްދަލުކުރެއްވުމަށްފަހު ދެ ޤައުމުގެ އިސްވެރިން ވަނީ މަޝްވަރާތަކުގައި އެއްބަސްވެވަޑައިގެން ކަންކަން އިޢުލާނުކުރައްވާފައެވެ.

މިގޮތުން، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ، އެ ޤައުމާއި ދެކުނު ކޮރެއާ ގުޅިގެން ކޮރެއާ ބައްރުގައި ހިންގާ އަސްކަރީ ތަމްރީނުތައް ހުއްޓާލުމަށް އެއްބަސްވެވަޑައިގެންފައެވެ. މީގެ އިތުރުން، ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން އުތުރު ކޮރެއާއާ ދެކޮޅަށް އަޅަމުންދާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައްވެސް ލުއިކުރައްވާނެ ކަމަށާއި އެހެން ނަމަވެސް މިކަމުގައި ވަގުތުން އަދި ފިޔަވަޅުތައް ނާޅާނެކަމަށެވެ.

ޓްރަމްޕާއި ކިމް އަންގާރަ ދުވަހު ކުރިއަށްގެންދެވި ސަމިޓަކީ ކާމިޔާބު ސަމިޓެއް ކަމަށް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ ކޭ.ސީ.އެން.އޭ. އިންވެސް ވަނީ ބުނެފައެވެ. ކޭ.ސީ.އެން.އޭ. އިން ބުނެފައިވަނީ އެމެރިކާ އާއި އުތުރު ކޮރެއާއާ ދެމެދު އޮންނަ ގުޅުން އަލުން ހެޔޮ ފާލަކަށް އެޅުމަށް ދެ ޤައުމުން ވެސް ގުޅިގެން ފިޔަވަޅުއެޅުމަކީ މުހިއްމު ކަމެއްކަމަށް އެމެރިކާ އާއި އުތުރު ކޮރެއާގެ އިސްވެރިން އެއްބަސްވެވަޑައިގެންނެވި ކަމަށެވެ.

މި ބައްދަލުކުރެއްވުމަށް ފަހު ދެ ބޭފުޅުން އެކުލަވާލި ބަޔާނުގައި ވަނީ، ކޮރެއާ ބައްރުން ނިއުކްލިޔަރ ހަތިޔާރު ނައްތާލުމަށް އުތުރު ކޮރެއާއިން މަސައްކަތް ކުރާނެކަން ބަޔާންކޮށްފައެވެ. ސިންގަޕޫރުގައި ބޭއްވި ތާރީޚީ ސަމިޓް ނިންމާލިތާ މާ ގިނައިރުތަކެއް ނުވަނީސް ޗައިނާއިން ވަނީ މިކަމަށް މަރުޚަބާ ކިޔާފައެވެ.
އަދި އެ ޤައުމުން ވަނީ އދގެ ސަލާމަތީ މަޖިލީހުން އުތުރު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކުރެވޭނެ ކަމަށް ބުނެފައެވެ. ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، އުތުރު ކޮރެއާއާ ދެކޮޅަށް އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރުތައް ބުނާގޮތުން މި ޤަރާރުތަކަށް އިހްތިރާމްކޮށް މި ޤަރާރުތަކަށް އުތުރު ކޮރެއާއިން ޢަމަލުކުރާނަމަ މީގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމަކީ އެކަށިގެންވާ ކަމެއްކަމަށެވެ.

ކިމް އާއި ޓްރަމްޕްގެ ސަމިޓަށް ޖަޕާނުން ވެސް މަރުޚަބާ ކިޔާފައިވާ އިރު ޖަޕާނުން ބުދަ ދުވަހު މިވަނީ އުތުރު ކޮރެއާގެ ނިއުކްލިޔަރ ހަތިޔާރު ނައްތާލުމުގެ މަސައްކަތަށް ދާ ޚަރަދުގެ ދެބައިކުޅަ އެއްބައި ޖަޕާނުން އަދާކުރާނެ ކަމަށް ބުނެފައެވެ. އެހެންނަމަވެސް، މިކަން ކުރާނީ ދުނިޔޭގެ އެޓޮމިކް ހަކަތައާ ބެހޭ އިދާރާއިން އުތުރު ކޮރެއާގެ ސައިޓްތައް ބަލާ ފާސްކުރުމުން ކަމަށްވެސް ޖަޕާނުން ވަނީ ބުނެފައެވެ.