ޚަބަރު

މިއަހަރުގެ މިނިވަންދުވަހުގެ ރަސްމީ ދިދަ ނެގުން އަންނަ ހުކުރު ދުވަހުގެ ރޭ





 


މިއަހަރުގެ މިނިވަންދުވަހުގެ ރަސްމީ ދިދަ ނެގުން އަންނަ ހުކުރު ދުވަހުގެ ރޭ އޮންނާނެ ކަމަށް ހޯމް މިނިސްޓްރީން  ބުނެފިއެވެ.


 
ހޯމް މިނިސްޓްރީން  ބުނީ ޖުލައި މަހުގެ ފަންސަވީސް ވަނަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ރަސްމީ އިއްޒަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެކަމަށާ މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާތަބު ކުރައްވާނެ ކަމަށެވެ.


 
ހޯމް މިނިސްޓްރީން ބުނީ ސައްބީސް ވަނަ ދުވަހަކީ ދިދައިގެ ދުވަހެއްގެ ގޮތުގައި ފާހަގަކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހުގެ ހަވީރު މާލޭގެ ހަތަރު ސަރަހައްދެއްގައި ދިދަ ބެހުމުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށާ އީދު ދުވަހުގެ ހަވީރު ސިފައިންގެ ރަސްމީ ރޫޓް މާރޗް މާލޭގެ ބޮޑެތި މަގުތަކުގައި އޮންނާނެކަމަށެވެ. މީގެ އިތުރުން މިނިވަން ފަންސާސްގެ ހަރަކާތްތައް މިއަހަރު، ފަށާ ކުރިއަށްއޮތް ކޮންމެ މަހެއްގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.


 
 


ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގެ މިނިވަން ކަމަށް ފަންސާސް އަހަރު އަންނަ އަހަރު ފުރޭއިރު މިއަހަރުގެ މިނިވަން ދުވަހުން ފެށިގެން މިނިވަން ފަންސާހުގެ ހަރަކާތްތައް ކުރިއަށްގެންދަން ފަށްޓަވާނެ ކަމަށެވެ. އެގޮތުން މިކަމަށްޓަކައި ވަޒީރުންގެ ފެންވަރުގެ ކޮމެޓީއެއް އެކުލަވާލައްވާފައިވާ ކަމަށާއި އެކޮމިޓީގެ ބެއްލެވުމުގެ ދަށުން ފަންސާސް އަހަރުގެ ހުރިހާ ހަރަކާތްތައް ކުރިއަށްގެންދަވާނެ ކަމަށް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވިއެވެ. އަދި މިކަމަށްޓަކައި ޚާއްސަ އޮފީހެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.