ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ފެހެންދޫ ބަލިކޮށް، ކްލަބް ގްރީން ސްޓްރީޓްސް ވަގުތީ ގޮތުން ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.
ގްރީން ސްޓްރީޓްސް މިއަދުގެ މެޗު ކާމިޔާބުކުރީ ދެ ލަނޑު ސުން ލަނޑުން. މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގަން ފުރުސަތު ލިބުނީ ފެހެންދޫ އަށެވެ. އެގޮތުން ފެހެންދޫގެ ހުސައިން އީމާން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. މެޗުގައި ގްރީން ސްޓްރީޓްސް އިން ޖެހި ފުރަތަމަ ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗުގެ 20 ވަނަ މިނިޓުގައެވެ. އޭނާ ލަނޑު ޖެހީ އޭރިޔާ ބޭރުން އަލީ ނަސޫހު ނަގައިދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. އޭގެ ފަހުންވެސް ގްރީން ސްޓްރީޓްސްއިން ގޯލާ އަމާޒުކޮށް ފޮނުވާލި ހަމަލާތައް ފެހެންދޫގެ ކީޕަރ އިބްރާހިމް ޒަޔާން ވަނީ މަތަކޮށްފައެވެ.
ގްރީން ސްޓްރީޓުސްއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރަސެލްއެވެ. ރަސެލް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު އަތުގައިވެސް ޖެހިފައެވެ. މެޗުގެ 75 ވަނަ މިނިޓުގައި ގްރީންގެ ކީޕަރ ސްމޮރޮޑިން އޭރިޔާ ބޭރުން ބޯޅާއިގައި އަތްލުމުން ރެފްރީ ވަނީ އޭނާއަށް ރީނދޫ ކާޑު ދައްކާފައެވެ.
މެޗަށް ފަހު ކްލަބް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ މުޅި މެޗުވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، ދެ ގޯލު ޖަހައިގެން މޮޅުވެވުމުން އުފާވާކަމަށެވެ.
"ޖުމްލަކޮށް ނުވަދިހަ މިނިޓު މި ނިމުނީ ވަރަށް ރަނގަޅަށް. ދެން އަނެއްހެން ފާހަގަކޮށްލެވޭ ވަރުގެ ކަމެއް ނުވޭ މެޗަކު. ދެ ލަނޑު ޖަހައިގެން މޮޅުވެވުމުން ހިތްހަމަޖެހޭ ދެން" ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުންޏެވެ.
މިއަދުގެ މެޗުން ބަލިވި ފެހެންދޫ ޓީމުގެ މެނޭޖަރ މޫސާ ނަސީމް ބުނީ މެޗުގައި ޓީމުގެ ފަރާތުން ފެނުނު ކުޅުމާއި މެދު ހިތްހަމަޖެހޭކަމަށެވެ. ނަސީމް ބުނީ މިއަދުގެ މެޗުން ބަލިވާން ނަސީމް ބުނީ މިއަދުގެ މެޗުން ބަލިވާން ދިމާވި މައިގަނޑު ސަބަބަކީ، މެޗުގެ ކުރީކޮޅު ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުން ކަމަށެވެ.
" ޖުމްލަކޮށް ބަލާނަމަ މެޗުގައި ފެހެންދޫ ޓީމުގެ ފަރާތުން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ. މެޗުން އަސްލު ބަލިވީ، މެޗުގެ ކުރީ ކޮޅު ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުމުން. ދެން މާލޭގެ ޓީމުތައްވެސް މިއަށް ވުރެ ރަނގަޅަށް ކުޅެން ވެއްޖެ. މެޗުގެ ފަހު ވަގުތު މެޗު ލަސްކޮށްގެން ކުޅުނީމަ އިދިކޮޅު ޓީމަށް އޭގެ އަސަރު އެބަ ކުރޭ ވަރަށް ބޮޑަށް". ފެހެންދޫ ޓީމުގެ މެނޭޖަރ މުހައްމަދު ނަސީމް ބުންޏެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ފެހެންދޫއަށް އަދި މޮޅެއް ހޯދިފައި ނުވާއިރު ގޯލެއް ޖެހިފައެއްވެސް ނުވެއެވެ. ލީގުގައި ފެހެންދޫ މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވިއިރު، އަނެއް ދެ މެޗުން ވަނީ ބަލިވެފައެވެ. އަދި ކްލަބް ގްރީން ސްޓްރީޓްސް އިން ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ވަނީ ކާމިޔާބުކޮށްފައެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާދަމާ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ށ.ފޯކާއިދޫ އާއި ތ.ތިމަރަފުށްޓެވެ. މާދަމާރޭ ކުޅޭ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނިކުންނާނީ ޗެންޕިއަން ނިއުރޭޑިއަންޓާ ދެކޮޅަށެވެ.