އިބްރާހިމް މަހުދީ ހަސަން ކާމިޔާބުކޮށްދިން ދެ ގޯލާއެކު މާޒިޔާ ބަލިކޮށް ޓީސީ ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ. ޕްރިމިއަރ ލީގުގައި މިއަދު ހަވީރު ޓީސީއާއި މާޒިޔާ ވާދަކުރި މެޗު ޓީސީ ސްޕޯޓްސް ކްލަބުން ކާމިޔާބު ކުރީ ތިން ލަނޑު ސުން ލަނޑުންނެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު މާޒިޔާއިން ވަނީ ވަރަށް ރަނގަޅަށް ކުޅެ ލަނޑެއް ޖަހަން މަސައްކަތްކޮށްފައެވެ. އެގޮތުން މެޗުގެ ދެވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) ފޮނުވާލި ބޯޅަ ޓީސީގެ ކީޕަރ ކިރަން މަތަކުރި އިރު ސްޓެވާޑް ފޮނުވާލި ބޯޅައަށް ޓީސީގެ ޑިފެންޑަރުން ވަނީ ހުރަސްއަޅާފައެވެ. ފުރަތަމަ ހާފުގައި މާޒިޔާއަށް ލީޑު ނަގައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ އެޓީމުގެ އަހުމަދު އިމާޒް (އާއްކޮ) އަށެވެ. އޭރިޔާ ތެރޭގައި ހުރެ އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ސީދާ ކީޕަރު އަތަށެވެ.
މި މެޗުގައި ޓީސީގެ ފުރަތަމަ ލަނޑު ފެނުނީ އަށާރަ ވަނަ މިނެޓުގައެވެ. މާޒިޔާގެ ޑިފެންޑަރ ސަމޫހު އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ޓީސީ އަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި އިބްރާހިމް މަހުދީ ހަސަންއެވެ. މަހުދީ ލަނޑެއް ކާމިޔާބުކުރި ފަހުން ޓީސީގެ އިޝާން އިބްރާހިމް (ސައްޓު) އަށްވެސް ވަނީ ލަނޑެއް ޖަހަން ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިޔާ ބޭރުން ސައްޓު ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރ ވަނީ ދިފާއުކޮށްފައެވެ. ޓީސީގެ ދެވަނަ ލަނޑު މެޗުގެ ތިރީސް އަށްވަނަ މިނެޓުގައިވެސް ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ ހަސަންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މަހުދީ އަށް ވަނީ ހެޓްރިކް ހެދުމަށްވެސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
ޓީސީން މި މެޗުގައި ކާމިޔާބުކުރި ތިން ވަނަ ލަނޑު މެޗުގެ ފަސްދޮޅަށް ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހިމް ވަހީދެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް މަހުދީ އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ މުޅި ހުސްގޯލެއްގެ ތެރެއަށް ފޮނުވާލާއިގެންނެވެ. މި މެޗުގެ ހަތްދިހަ ހަތްވަނަ މިނެޓުގައި ޓީސީގެ ކުޅުންތެރިޔަކަށް ފައުލް ކުރުމާއި ގުޅިގެން މާޒިޔާގެ ޔަސްފާދް ހަބީބް (މުލަކޭ) އަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދަނޑުން ފޮނުވާލާފައެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) ބުނީ، މި މެޗަކީ މި ލީގުގައި މިހާތަނަށް މާޒިޔާއިން ކުޅުނު އެންމެ ދަށް މެޗުކަމަށެވެ. އަދި މީއީ މާޔޫސްވާންޖެހޭވަރުގެ ނަތީޖާއެއްކަމަށްވެސް އިންމަ ބުންޏެވެ.
"މިއީ މިސީޒަނުގައި މާޒިޔާއިން ކުޅުނު އެންމެ ދަށް މެޗު. ކުޅުންތެރިންގެ ފަރާތުން ބޭނުންވާ ފެންވަރުގެ ކުޅުމެއް ނުފެނުން މި މެޗަކުން. ވަރަށް މާޔޫސްވެފައި މި ހުރި މި މެޗުން ބަލިވީމަ." މާޒިޔާގެ ކޯޗު އިސްމާއިލް މަހުފޫޒް ބުންޏެވެ.
ލީގުގައި މީހަތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައިވާ ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް ބުނީ، މެޗުގެ ނަތީޖާއާއި ދޭތެރޭ ވަރަށް ހިތްހަމަޖެހޭކަމަށާއި، ކޮންމެ މެޗަކުންވެސް އެންމެ މުހިއްމީ ތިން ޕޮއިންޓް ހޯދުންކަމަށެވެ. ނިޒާމް ބުނީ ލީގުގައި ކުރިޔަށް އޮތް މެޗުގެ ކުރިން މި ލިބޭ ބްރޭކްގެ ސަބަބުން ޓީސީއަށް ވަރަށް ފައިދާ ކުރާނެކަމަށެވެ. މިހާތަނަށް ލީގުގައި ވަރަށް ގާތްގަތުގައި މެޗުތަށް ކުޅެން ޖެހުމުން ކުޅުންތެރިން ވަރަށް ވަރުބަލިވެފައިވާކަމަށެވެ. އެހެންކަމުން ކުރިޔަށް އޮތް ނިއުރޭޑިއަންޓާއި ވާދަކުރާ މެޗުގެ ކުރިން އަރާމުކުރަން ދުވަސްކޮޅެއް ލިބުމަކީ ލިބުނު ވަރަށް ބޮޑު ފައިދާއެއްކަމަށް ނިޒާމްބެވަނީ ބުނެފައެވެ.
"މެޗުގެ ނަތީޖާ އާއި ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. ކޮންމެ މެޗަކަށްވެސް ނުކުންނަނީ ތިން ޕޮއިންޓް ހޯދަން އެގޮތުން މިއަދުގެ މެޗުންވެސް މި ލިބުނީ ލީގުގައި ކުރިޔަށްދިޔުމަށް ލިބުނު ވަރަށް މުހިއްމު ތިން ޕޮއިންޓް. ދެން ކުރިޔަށް މި އޮތީ ނިއުރޭޑިއަންޓާއި ވާދަކުރަން ޖެހޭ މެޗު. އެމެޗުގެ ކުރިން މި ލިބޭ ބްރޭކްގެ ސަބަބުން ޓީމަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ. މިހާ ގާތްގާތުގައި މެޗުތަށް ކުޅެން ޖެހުމުން އަސްލު ޓީމުގެ ކުޅުންތެރިން މިތިބީ ވަރަށް ބޮޑަށް ލޮޑުވެފައި." ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުންޏެވެ.
މި ނަތީޖާއާއެކު ޓީސީ އެއް ވަނައިގައި އޮތީ ހަތަރު މެޗުން ހޯދި 12 ޕޮއިންޓާ އެކުގައެވެ. ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ހަތަރު މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. ތިން ވަނައިގައި ނިއު ރޭޑިއަންޓް އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކުގައެވެ.