މަޤާމުގައި ދެމިހުރުމަށް އޭނާގެ މުސާރަ ބޮޑުކޮށްދިނުމަށް ކްރޮއޭޝިޔާގެ ކޯޗު ޑަލިކް އެދެފިއެވެ.
ރަޝިޔާގައި މިދިޔަ ހަފުތާގައި ނިމުނު ވަރލްޑް ކަޕުގެ ފައިނަލަށް ކްރޮއޭޝިޔާ ގެންގޮސްދިން ކޯޗަށް މިހާރު ލިބެނީ އަހަރަކު 550000 ޕައުންޑެވެ. ނަމަވެސް މަޤާމުގައި ދެމިހުރުމަށް އޭނާ ވަނީ އަހަރަކު 3.5 މިލިއަން ޕައުންޑް ދިނުމަށް އެދިފަ އެވެ.
މިއީ މުބާރާތް ބޭއްވި ރަޝިޔާގެ ކޯޗަށް އަހަރަކު ލިބޭ އާމްދަނީއާ ދާދި އެއްވަރުގެ އަދަދެކެވެ. ރަޝިޔާ މުބާރާތުން ކެޓީ ކުއާޓާ ފައިނަލުގައި ކްރޮއޭޝިޔާ އަތުންނެވެ.
"ގަބޫލުކުރިޔަސް ނުކުރިޔަސް އަހަރެންނަކީ ދުނިޔޭގެ ދެވަނައަށް އެންމެ މޮޅު ކޯޗު. އަހަރެން ބޭނުން އަހަރެންގެ މުސާރަ ބޮޑުކުރަން. އަހަރެން ވަނީ ޓީމު ފައިނަލަށް ގެންގޮސްދީފައި. ތަށި ނުލިބުމުން ވަރަށް ދެރަވި. އަހަރެން މުޅި ހަޔާތުގައި ވެސް މިކަމާ ހިތާމަކުރާނަން. އަހަރެން ވަނީ މުބާރާތުގެ ކުރިން ވަރލްޑް ކަޕަށް ފަހު މަޤާމުން ދުރަށްދާން ނިންމާފައި. އަހަރެން މަޑުކުރާނީ މުސާރަ ބޮޑުކޮށްދޭމަތިން،" ފުރަތަމަ ފަހަރަށް ކްރޮއޭޝިޔާ ވަރލްޑް ކަޕް ފައިނަލަށް ގެންގޮސްދިން ކޯޗު ބުންޏެވެ.
ފައިނަލްގައި 4-2އިން ފްރާންސް އަތުން ބަލިވި ޓީމުގެ ކޯޗު ޑަލިކް އަކީ ކްރޮއޭޝިޔާގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން އޭޝިޔާގެ ގިނަ ޓީމުތަކަށް ކޯޗުކޮށްދީފައިވާ މީހެކެވެ. ނަމަވެސް ވަރލްޑް ކަޕުގެ ކާމިޔާބީއާއެކު އޭނާ އަށް އިނގިރޭސި ލީގުގެ ބައެއް ކުލަބުތަކުން ވެސް ފުރުސަތު ލިބިފައިވާ ކަމަށްވެއެވެ.