ކްރިސްޓިއާނޯ ރޮނާލްޑޯގެ އަގުވަޒަން ކުރުމަށް އޭނާ އަލުން މެޑްރިޑަށް ގެންދިއުމަށް އެކުލަބުން ހާއްސަ ދައުވަތެއްދީފިއެވެ.
މި ގޮތުން ރެއާލް މެޑްރިޑުގެ ސަޕޯޓަރުންނަށް އަލްވަދާއު ކިއުމަށް ރޮނާލްޑޯއަށް ދޭ ހާއްސަ ފުރުސަތުގައި ޔުވެންޓަސް ވެސް ބައިވެރިވާނެ އެވެ. މިއީ 2019 ވަނަ އަހަރުގެ ބާނަބައު ޓްރޮފީގެ ނަމުގައި މެޑްރިޑާއި ޔުވެންސްޓަ ކުޅޭ މެޗެކެވެ.
100 މިލިއަން ޕައުންޑަށް ރޮނާލްޑޯ ރެއާލް މެޑްރިޑް ދޫކޮށްލުމާއެކު އޭނާ އާއި ކުލަބާ ދެމެދު ގުޅުން ގޯސްވެފައިވާ ކަމަށް ބެލެވުނެވެ. ނަމަވެސް ރައީސް ޕްލޮރެންޓީނޯ ޕެރޭޒް ވަނީ އެކުލަބުގައި އެންމެ ވިދާލި އެއް ކުޅުންތެރިޔާގެ އަގުވަޒަންކުރުމަށާއި، އޭނާއަށް ހައްޤު ޝަރަފު އެރުވުމަށް ރޮނާލްޑޯ އަލުން މެޑްރިޑުގެ ސްޓޭޑިއަމަށް ގެނައުމަށް ޔުވެންޓަސް އަށް ހާއްސަ މެޗަކަށް ދައުވަތުދީފައެވެ.
ރެއާލްގެ ކުރީގެ ކެޕްޓަން ރައުލް ގޮންޒާލޭޒްގެ އަގު ވަޒަން ކުރުމަށް ވެސް މިފަދަ މެޗެއް 2013 ވަނަ އަހަރު ކުޅުނެވެ. އޭގެ ފަހުން ކެޕްޓަންކަން ކުރި ކީޕަރު އިކާ ކަސިޔާސްގެ އަގުވަޒަން ކުރަން ކުޅެން އޮތް މެޗު ކެންސަލްވީ އޭނާ މިހާރު ކުޅެމުން އަންނަ ކުލަބު ޕޯޓޯއަށް މެޗަށް އާދެވެން ނެތުމުންނެވެ.
ރޮނާލްޑޯ އަކީ ރެއާލް މެޑްރިޑަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާއެވެ. ދުނިޔޭގެ ރެކޯޑް ފީއަކަށް 2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުން ރެއާލްއަށް ބަދަލުވުމަށްފަހު ރޮނާލްޑޯ ވަނީ ގިނަ ރެކޯޑްތަކެއް ހަދައިފަ އެވެ. މީގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަޤާމާއި އެ މުބާރާތުގައި 100 ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހިމެނެއެވެ. ރެކޯޑް އަދަދެއް ކަމަށްވާ ފަސް ފަހަރު ބެލޮންޑީއޯ ރޮނާލްޑޯ ހޯދިއިރު މީގެ ތެރެއިން ފަހު ހަތަރު ފަހަރު އޭނާ މިއެވޯޑް ހޯދީވެސް މެޑްރިޑުގެ ޖާޒީގައެވެ. އަދި އޭނާ ވަނީ ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކޮށްދީ ޖުމުލަ ހަތަރު ފަހަރު އެ ތަށި މެޑްރިޑަށް ހޯދައިދީފައެވެ.