ކުޅިވަރު

ފެވަރިޓުންނަކީ މެންޗެސްޓާ ސިޓީ: ކްލޮޕް


އިނގިރޭސި ޕްރެމިއާ ލީގުގެ ފެވަރިޓުންނަކީ ޗެމްޕިއަން މެންޗެސްޓާ ސިޓީ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

މިދިޔަ ސީޒަނުގައި ސިޓީ އަށްވުރެ 25 ޕޮއިންޓް ފަހަތުން ލިވަޕޫލް ސީޒަން ނިންމާލީ ހަތަރުވަނާގައެވެ. ނަމަވެސް މި ސީޒަނަށް އެންމެ ބޮޑު ހޭދައެއްކޮށް މޮޅު ކުޅުންތެރިން ހޯދާފައިވަނީ ޓީމަކީ ލިވަޕޫލެވެ. މިހެނެވެ ލިވަޕޫލް ތަށި ހޯދަންޖެހޭ ކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

"ތެދެއް. ވަރަށް ގިނަ މީހުން އެގޮތަށް ދެކޭ. އަހަރުމެން ވެސް މަސައްކަތް ކުރަނީ އެގޮތަށް. އަހަރުމެން ތަށި ހޯދަން ބޭނުން. އެކަމަކު އެހެން ޓީމުތައް ދެކިބަލަ. މެންޗެސްޓާ ސިޓީ އަށް އެންމެ ކުޅުންތެރިއަކު ވެސް ނުގެއްލޭ. އެމީހުންގެ ސްކޮޑް އެބައޮތް. އެމީހުން ވަނީ ރިޔާދް މާރޭ ގެނެސްފައި. ކޮންކަހަލަ މޮޅު ކުޅުންތެރިއެއް އެއީ. އެހެންވީމަ އަހަރުމެންނަކީ ފެވަރިޓުންނެއްނޫން. ސިޓީ އަކީ ފެވަރިޓުން،" ކްލޮޕް ބުންޏެވެ.

އޭނާގެ މިވާހަކަތަކާ ބެހޭ ގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ކްލޮޕް ޝުކުރު އަދާކޮށްފައެވެ.

"ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެން އަބަދުވެސް ސީޒަނާ ކުރިމަތިލަނީ ފެވަރިޓުންގެ ގޮތުގައި. އެންމެ ސީޒަނެއްގައިނޫން. އެއީ ބާސެލޯނާގެ ފުރަތަމަ އަހަރު. އެހެންނޫނީ އަހަރެން އަންނަނީ ފެވަރިޓުންގެ ގޮތުގައި. އަހަރުމެންގެ އަމާޒަކީ ތަށި،" ގާޑިއޯލާ ބުންޏެވެ.

ކްލޮޕް ބުނީ ލިވަޕޫލް ތަށި ހޯދުމަށް ވަރަށް ގިނަ ކަންކަން ކުރަންޖެހޭ ކަމަށެވެ.

"އަހަރުމެން ވަރަށް ކޮންސިސްޓެންޓް ވާންޖެހޭ. އަހަރުމެން ރަނގަޅު ވަގުތުގައި ނަތީޖާ ނެރެންޖެހޭނެ. އަހަރުމެން އަމިއްލަ ދަނޑުގައި ޕޮއިންޓް ގެއްލުވާލައިގެން ނުވާނެ. ވާދަވެރި ޓީމުތައް އަތުން ކާމިޔާބު ހޯދަންވާނެ،" ކްލޮޕް ބުންޏެވެ.

އޭނާ ބުނީ އިނގިރޭސި ލީގު ކާމިޔާބު ކުރަން ބޭނުންވާއިރު ޗެމްޕިއަންސް ލީގަކީ ވެސް ލިވަޕޫލްގެ އަމާޒެއް ކަމަށެވެ.