ފަހަތުން އަރައި 2-1 ން ސެވިއްޔާ ބަލިކޮށް، ސްޕެނިޝް ސުޕަ ކަޕް ބާސެލޯނާ ކާމިޔާބުކޮށްފިއެވެ.
މިއީ ބާސެލޯނާއިން ސުޕަ ކަޕް ކާމިޔާބު ކުރި 13 ވަނަ ފަހަރެވެ. އަދި މިއީ ފާއިތުވެދިޔަ 9 ސީޒަނުގައި އެ ޓީމުން މި ތަށި ކާމިޔާބު ކުރި 6 ވަނަ ފަހަރެވެ.
ނަމަވެސް މޮރޮކޯގައި ރޭ ކުޅުނު މެޗުގެ 90 ވަނަ މިނިޓްގައި ކީޕަރު މާކް އަންދްރޭ ޓާސްޓެގަން ކުރި ފައުލަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، މެޗު އިތުރު ވަގުތަށް ގެންދަން ސެވިއްޔާއަށް ފުރުސަތު ލިބުނެވެ. އެކަމަކު ވިސާމް ބެންޔެޑާ ޖެހި ޕެނަލްޓީ ޓާސްޓެގަން ދިފާއު ކުރިއެވެ.
މެޗުގެ ފުރަތަމަ ލަނޑު ސެވިއްޔާއިން ޖެހީ މެޗުގެ 9 ވަނަ މިނިޓްގައި ޕައުލޯ ސަރްބިއާއެވެ. ނަމަވެސް ހާފު ނިމުމުގެ ކުރިން ޑިފެންޑަރު ޖެރާޑް ޕީކޭ ނަތީޖާ ހަމަހަމަކޮށްދިނެވެ.
ބާސެލޯނާއިން ވަނީ ފަހު ހާފުގައި ފިލިޕް ކުޓީނިއޯ އާއި އިވާން ރަކިޓިކް ކުޅެން ނެރެ މެޗު ކޮންޓްރޯލްކޮށްފައެވެ. އެ ޓީމުން މޮޅުކޮށްދިން ލަނޑު ޖެހީ މެޗު ނިމެން 11 މިނިޓަށްވީ ފަހުން ފްރާންސްގެ ޒުވާން ފޯވަޑް އޮސްމާނޭ ޑެމްބޭލޭއެވެ.
މި މެޗުގެ ކުރިން ސެވިއްޔާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެއީ ޔޫރަޕުން ބޭރުން ކިތަންމެ ގިނަ ކުޅުންތެރިންތަކަކަށް ވެސް ކުޅެވިދާނެ ކަމަށް ސްޕޭނުގެ އެފްއޭއިން ނިންމުމުންނެވެ. މިފަހަރުގެ ސުޕަ ކަޕް ސްޕޭނުން ބޭރުގައި މި ކުޅުނީ ކުރިއާ ހިލާފަށް ދެ މެޗު ކުޅުމުގެ ބަދަލުގައި ފައިނަލެއްގެ ގޮތުގައި އެއް މެޗު ކުޅެ ޗެމްޕިއަން ޓީމު ހޮވާ ގޮތަށް ޤަވާއިދު ބަދަލުކޮށްގެންނެވެ. ސުޕަ ކަޕަކީ ސްޕޭނުގެ އާ ސީޒަން ފެށުމުގެ ކުރިން ލީގު ޗެމްޕިއަނާއި ސްޕެނިޝް ކަޕް ޗެމްޕިއަން ކުޅޭ ފައިނަލެކެވެ. ހުސްވި ސީޒަނުގައި މި ދެ ތަށިވެސް ބާސެލޯނާ ކާމިޔާބުކޮށްފައިވާތީ ސެވިއްޔާ މި މެޗުގައި ކުޅުނީ ސްޕެނިޝް ކަޕުގެ ފައިނަލް ކުޅުނު ޓީމުގެ ހައިސިއްޔަތުންނެވެ.