ކުޅިވަރު

ފަހު ވަގުތުވެސް ދަގަނޑޭ ޓީމުގައި ހިމަނަން މަސައްކަތް ކުރިން: ބައްސާމް


ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާ ޤައުމީ ފުޓްބޯޅަ ޓީމުގައި އަލީ އަޝްފާޤު (ދަގަނޑޭ) ހިމަނަން އެންމެ ފަހުވަގުތާ ހަމައަށްވެސް މަސައްކަތް ކުރިކަމަށް އެފްއޭއެމުން ބުނެފިއެވެ.
ޤައުމީ ފުޓްބޯޅަ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ޕީއެސްއެމްގެ "ދިވެހި ފުޓްބޯޅަ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރާއްޖޭގެ އެންމެ އިތުބާރު ފޯވަޑް ޓީމުގައި ނުހިމެނުނީ ރިޓަޔާކުރާނެ ކަމަށް ބުނެފައިވާތީ ކަމަށެވެ.

"އަޝްފާގް ބުނަމުން އައީ ބޫޓާން މެޗަށް ފަހު (މިއަހަރު ކުރީކޮޅު ކުޅުނު) ޤައުމީ ޓީމުން ރިޓަޔާކުރަން ބޭނުންވާ ކަމަށް. މިހެންވީމަ އޭނާ ހިމެނިފައިނެތް ސާފް ޗެމްޕިއަންޝިޕަށް 30 ކުޅުންތެރިން ރަޖިސްޓްރީކުރިއިރު. ދެން ފަހުން އަޝްފާޤު ކުޅެން ބޭނުންވީމާ އެފްއޭއެމުން ވަރަށް މަސައްކަތް ކުރިން އޭނާ ޓީމުގައި ހިމަނަން. އެކަމަކު އަޅުގަނޑުމެން އަޝްފާޤު ލިސްޓުގައި ޖަހައިދޭން ރިކުއެސްޓްކުރާއިރު މި ސަރަހައްދުގެ ޤައުމުތަކަށް ވެސް އެބައެނގޭ މިބުނަނީ ކިހާވަރެއްގެ ކުޅުންތެރިއެއްގެ ވާހަކަކަން. މިހެންވީމަ އެފުރުސަތު ނުލިބިދިޔައީ. މިކަން އަޝްފާޤަށް އެނގޭނެ،" ބައްސާމް ވިދާޅުވި އެވެ.

ސާފް ޗެމްޕިއަންޝިޕަށް ޤައުމީ ޓީމު ތައްޔާރުވާން ފެށުމުގެ ހަފުތާއެއްކުރިން ޤައުމީ ކޯޗާއި އަޝްފާގާއެކު ބައްދަލު ކުރި ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ. ނަމަވެސް ޓީމު ނަގަނީ ކޯޗު އަމިއްލައަށް ކަމަށާއި، އަޝްފާގަށް ފުރުސަތު ހޯދައިދޭން އޭނާ ވަރަށް މަސައްކަތް ކުރިކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

"އަޅުގަނޑު މިމަޤާމުގައި ހުރެގެން ވަކި ކުޅުންތެރިއަކު ޓީމުން ކަޓުވާލާކަށް ނޫޅޭނަން. އަމުދުން އަޝްފާޤު ޓީމުގައި ހިމަނަން އަޅުގަނޑު ބޭނުންވާނެ. އޭނާ މިހާރު ވެސް ހުރީ ކުޅެވޭ ފެންވަރުގައި. ވަރަށް ފޯމުގައިކަން ޤަބޫލުކުރަން. އެކަމަކު ކޮންމެ މުބާރާތަކީ ވެސް ވަކި ޤަވާއިދުތަކެއްގެ ދަށުން ވަކި ތާރީހެއްގެ ކުރިން ކުޅުންތެރިން ރަޖިސްޓްރީކޮށް ކަންކަން ކުރަންޖެހޭ މުބާރާތްތަކަށް ވާއިރު އަޝްފާޤު ރިޓަޔާކުރާނެ ވާހަކަ ބުނެފައިވާތީ އޭނާގެ ނަން ނުހިމަނައި އެހެން ކުޅުންތެރިއަކަށް ފުރުސަތު ދޭން ޖެހުނީ،" ބައްސާމް ވިދާޅުވިއެވެ.

ނަމަވެސް މި މައްސަލާގައި ދަގަނޑޭ ބުނީ އޭނާއަށް މުބާރާތުގައި ކުޅެވޭނީ ކޯޗު ފުރުސަތު ދީގެން ކަމަށެވެ. އެކަމަކު ޤައުމީ ކޯޗު ކްރޮއޭޝިޔާގެ ޕީޓަ ސެގަޓް ބުނަނީ ޤައުމީ ޓީމަށް 100 ޕަސެންޓްދޭނެކަން އޭނާއަށް ޔަޤީންކޮށްނުދޭ ކުޅުންތެރިން ޓީމުގައި ހިމަނަން އޭނާ ބޭނުންނުވާ ކަމަށެވެ. ސަބަބަކީ ބޭނުންވަނީ ޒުވާން ކުޅުންތެރިންނާއެކު ކުރިމަގަށް ރަނގަޅު ޓީމެއް ބިނާކުރަން ބޭނުންވާތީ ކަމަށްވެސް އަފްޣާނިސްތާނަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކޯޗު ފާހަގަކުރެއެވެ.