ކުޅިވަރު

ބެނީޓޭޒް، ސަރީ ހައިރާންކޮށްލައިފި


ނިއުކާސަލްގެ ކޯޗު ރަފާ ބެނީޓޭޒް ރޭ ޗެލްސީއާ ދެކޮޅަށް ކުޅުވި ކުޅުމާމެދު ކޯޗު މައުރީޒިއޯ ސަރީ ހައިރާންވެއްޖެއެވެ.
2-1 ން ޗެލްސީ މޮޅުވި މެޗަށް ފަހު ސަރީ ބުނީ ނިއުކާސަލް ކުޅުނީ ފަސް ޑިފެންޑަރުން ފަހަތުގައި ބައިތިއްބައިގެން ކަމަށާއި، މިހެންވެ މެޗު ވަރަށް ބޮޑަށް އުނދަގޫވި ކަމަށެވެ.

"އަހަރެން ވަރަށް ހައިރާންވެއްޖެ. އިޓަލީގައި ބެނީޓޭޒް ކޯޗުކޮށްދިންއިރު އަހަރެން ދުވަހަކު ވެސް ނުދެކެން އޭނާ ފަސް ޑިފެންޑަރުން ބޭނުންކުރިތަނެއް،" ސަރީ ބުންޏެވެ.
ސަރީ އާއި ބެނީޓޭޒް އަކީ މީގެ ކުރިން އިޓާލިއަން ލީގުގައި ކޯޗުކޮށްދިން ދެ ކޯޗުންނެވެ.

އޭނާ ބުނީ މިދިޔަ ސީޒަނުގައި ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް އަދި އާސެނަލް ވެސް ނިއުކާސަލްގެ ދަނޑުގައި ބަލިވެފައިވުމުން، މި މެޗު ވެސް އުނދަގޫވާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރި ކަމަށެވެ.
ޗެލްސީ އަށް ވެސް ކުރިން ކޯޗުކޮށްދިން ލިވަޕޫލާއި، އިންޓަމިލާން އަދި ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ބެނީޓޭޒް ބުނީ އޭނާގެ ޓީމަކީ ޗެލްސީގައި ތިބިހާ މޮޅު ކުޅުންތެރިންގެ ޓީމެއްނޫން ކަމަށެވެ. އަދި މެޗުގައި ޑިފެންސިވްކޮށް ކުޅެން ޖެހުނީ މެޗުން ނަތީޖާ ހާސިލް ކުރަން ބޭނުންވުމުން ކަމަށެވެ. މޮޅު ޓީމުތަކާއެކު ކުޅެވޭނީ ދިފާއީ ގޭމެއް ކަމަށް ވެސް ކޯޗު ފާހަގަކުރިއެވެ.

ރޭގެ މެޗުގައި ޗެލްސީ މޮޅުވީ މެޗު ނިމިނިމި އޮއްވައި ނިއުކާސަލް ކުޅުންތެރިއަކު ބައިކޮޅަށް ޖެހި ގޯލަކުންނެވެ.