ޚަބަރު

ބުރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ޗައިނާގެ އިސް އޮފިޝަލުންތަކެއް ރާއްޖެ ވަޑައިގެންފި


ސިނަމާލެ ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާ ސަރުކާރުގެ އިސް މަންދޫބަކު ރާއްޖެ ވަޑައިގެންފިއެވެ.

ސިނަމާލެ ބުރިޖްހުޅުވުން މާދަމާރޭ ކުލަގަދަކޮށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިހަރަކާތުގައި ޗައިނާ ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވާނެކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެވަޑައިގެންފައިވަނީ ޗައިނާ އިންޓަރނޭޝަނަލް ޑިވަލޮޕްމެންޓް ކޯޕަރޭޝަން އޭޖެންސީގެ ޗެއަރމަން ވޭންގ ޝިއާޓޯ އެވެ. މީގެ އިތުރުން ޗައިނާގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުންތަކެއްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންފައިވެއެވެ.

ވޭންގ ޝިއާޓޯ އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ބައިލޭޓްރަލް އަޙްމަދު ޚަލީލްއާއި ޗައިނާގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ފައިސަލް އެވެ.

ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގެ އިތުރުން ފޮރިންގ މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ދެއްވާ މެންދުރުގެ ޚާއްސަ ފަރީކޮޅެއްގައި ވޭންގ ޝިއާޓޯ ބައިވެރިވެވަޑައިގަންނަވާނެކަށް ފޮރިންގ މިނިސްޓްރީން ބުނެއެެވެ. އަދި ހުޅުމާލޭގައި ކުރިއަށްދާ ތަރައްޤީގެ ބައެއް މަޝްރޫޢުތައްވެސް ވޭންގ ޝިއާޓޯގެ މިދަތުރުފުޅުގައި ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.