ސްރީލަންކާގައި އަވަސް އިންތިޚާބެއް ބޭއްވުމަށް އެގައުމުގެ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސަ ގޮވާލެއްވި ގޮވާލެއްވުމަށް ރައީސް މައިތުރިޕަލަ ސިރިސޭނާ ދެކޮޅު ހައްދަވައިފިއެވެ.
ސިރިސޭނާ ވިދާޅުވީ އަވަސް އިންތިޚާބެއް ބޭއްވުމަށް އިދިކޮޅު ފަރާތްތަކުން ޕްރެޝަރު ކުރިނަމަވެސް ކަނޑައެޅިފައިވާ މުއްދަތަށްވުރެ އެންމެ ދުވަހެއް ކުރިންވެސް ރިޔާސީ އިންތިޚާބު ނުބާއްވާނެ ކަމަށެވެ. ސިރިސޭނާ މިހެން ވިދާޅުވީ އޭނާގެ ޕާޓީކަމަށްވާ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސް.އެލް.އެފް.ޕީ)ގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ސިރިސޭނާ ވިދާޅުވީ އަވަސް އިންތިޚާބެއް ބޭއްވުމަކީ ގައުމަށް މަސްލަހަތު ހުރިކަމެއް ނޫންކަމަށާ އެހެންކަމުން އެކަމަށް ފުރްސަތު ދެވެން ނޯންނާނެ ކަމަށެވެ. ސްރީލަންކާގެ އިންތިޚާބުތައް އަވަސްކުރުމުގެ ބާރު ލިބިފައިވަނީ ހަމައެކަނި އެ ޤައުމުގެ ރައީސަށެވެ.
ސްރީލަންކާގައި މިހާރު ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ މައިގަނޑު ދެ ޕާޓީއަކީ ރައީސް ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)އެވެ. މި ދެ ޕާޓީގެ މެދުގައި މައްސަލަޖެހުނީ އެންމެފަހުން ބޭއްވި ސްރީލަންކާގެ ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސަގެ ޕާޓީ ކަމަށްވާ ސްރީލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) އިން ހޯދި ކާމިޔާބީގެ ސަބަބުންނެވެ. ރާޖަޕަކްސަގެ ކާމިޔާބީ ގެ ސަބަބުން ކޯލިޝަނަށް ލިބުނު ސިޔާސީ ގެއްލުންތަކުގެ ޒިންމާ ސިރިސޭނާ އަޅުއްވާފައިވަނީ ބޮޑުވަޒީރު ރަނިލްގެ އިސްތަށިފުޅުގައެވެ. ނަމަވެސް ރަނިލްވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ. މިއާއެކު ރަނިލް ބޮޑުވަޒީރު ކަމުން ދުރުކުރަން ސިރިސޭނާ މަސައްކަތް ކުރައްވާކަން ރަނިލްއަށް އެނގިވަޑައިގަތުމުން ދެބޭފުޅުންގެ މެދުގައި އިތުބާރު ގެއްލި ކޯލިޝަންވަނީ ބައިބައިވުމުގެ މަގުމަތީގައެވެ.
ސިރިސޭނާ ވިދާޅުވީ ސްރީލަންކާގެ ޕާލަމެންޓްގައި އޭނާގެ ޕާޓީއަށް ލިބިފައިވާ ބާރުގެ ސަބަބުން އެޕާޓީއާނުލައި އެއްވެސް ޕާޓީއަކަށް ސްރީލަންކާގައި އައު ސަރުކާރެއް ނުއުފެއްދޭނެ ކަމަށެވެ. އަދި އޭނާގެ ޕާޓީއަށް ލިބިފައިވާ ސިޔާސީ ބާރާމެދު ޝައްކުކުރުމަކީ އިދިކޮޅު ފަރާތްތަކުން ހަދާ ގޯހެއްކަމަށްވެސް ސިރިސޭނާ ވިދާޅުވިއެވެ. ކޮރަޕްޝަން ހުއްޓުވާނެ ކަމަށްބުނެ 2015 ވަނަ އަހަރުގެ ޖަނަވަރީމަހު ސްރީލަންކާގެ ވެރިކަމަށް އައި ރައީސް މައިތުރި ޕަލަ ސިރިސޭނާގެ ކޯލިޝަން ސަރުކާރުގެ ކޮރަޕްޝަން، ރާޖަޕަކްސަގެ ސަރުކާރުގެ ކޮރަޕްޝަނަށްވުރެ އިތުރު ކަމަށް ޚުދު ސިރިސޭނާ ވަނީ އެއްބަސްވެ ވަޑައިގެންފައެވެ.
ރާޖަޕަކްސަގެ ސަރުކާރުން ނެގި ލޯންތައް މެނޭޖްކުރަން ނޭންގުމާއެކު ވެރިކަން ހިންގުމުގެ ގާބިލްކަން ސިރިސޭނާއާއި ރަނިލް ގެ ކޯލިޝަންގައި ނެތުމުން ސްރީލަންކާ ވަނީ އިގްތިސާދީ އަނދަވަޅަކަށް ވެއްޓިފައި ކަމަށް މިދިޔަ ހަފްތާގައި ކުރި މުޒާހަރާތަކުގައި ރާޖަޕަކްސަ ވަނީ ތުހުމަތު ކުރައްވާފައެވެ. މީގެއިތުރުން ސިރިސޭނާއާއި ރަނިލްގެ ކޯލިޝަނަކީ އާމާޒެއްނެތި ލާހޫރެމުންދާ ސަރުކާރެއްކަމަށްވެސް ރާޖަޕަކްސަ ވަނީ ސިފަކުރައްވާފައެވެ. 2015 ވަނަ އަހަރު ސިރިސޭނާއާއި ރަނިލް އުފެއްދެވި ކޯލިޝަނުން ސްރީލަންކާގެ ވެރިކަމާ ހަވާލުވުމާއެކު ސްރީލަންކާގެ އިގްތިސާދު ދަށަށްގޮސް ތަކެތީގެ އަގުތައް އުފުލި ފައިސާގެ އަގުވެސް ވަނީ ދަށަށްގޮސްފައެވެ. މިކަމުގެ ސަބަބުން އާންމުންގެ މެދުގައި ކޯލިޝަން ސަރުކާރުގެ މަގްބޫލުކަން ވަނީ ގެއްލިފައެވެ.