ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ހޯދުމަށް ފޯމު ހުށައެޅޭނެ ގަޑިތައް އިޢުލާންކޮށްފި


ހުޅުމާލޭ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް ދޫކުރާ ގޯޗަށް އެދި ފޯމު ދޫކުރުމާއި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތަކުގެ ތަފްސީލް ހައުސިންގ މިނިސްޓްރީން އާންމުކޮށްފިއެވެ.

ގޯތި ދިނުމަށް ބިން ދޫކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެންގުމަށްފަހު، މިހާރު ވަނީ ބިން ދޫކުރުމުގެ ހުއްދަ ހައުސިންގ މިނިސްޓްރީއަށް ދީފައެވެ. މިއާއެކު އިއްޔެ ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކުރުމަށް ހަމަޖެހިފައިވާ 400 ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން އިއްޔެއިން ފެށިގެން މިމަހުގެ 14ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނޭއެވެ.

ގޯއްޗަށް އެދޭ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. ހެނދުނު ނުވަޔަކުން މެންދުރު ދޭކާ ހަމައަށް ކުރިއަށް ދާނެއެވެ. އެހެންނަމަވެސް ހުކުރުދުވަހު ފޯމް ދޫކުރުމުގެ ކަންކަން ކުރިއަށް ނުގެންދާނެކަމަށް އެމިނިސްޓްރީން ބުނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯއްޗަށް އެދޭ ފޯމް ބަލައިގަތުމަށް ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ ގަޑިތަކަކީ ހެނދުނު 09:00އިން މެންދުރުފަހު 14:00އަށް، ހަވީރު 16:00އިން 18:00އަށް، ރޭގަނޑު 20:00އިން 23:00އަށެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކުރުމަށް ހަމަޖެހިފައިވަނީ 1000 އަކަފޫޓޫގެ 400 ގޯއްޗެވެ. މި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމުލަ 100ޕޮއިންޓު ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުނަގައިގެންނެވެ.