ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސިޔާސީ ބައެއް ބޭފުޅުންގެ މައްޗަށް އިއްވާފައިވާ ޙުކުމްތައް މުރާޖަޢާކުރުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ސުޕްރީމް ކޯޓުން ބުނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް މުރާޖަޢާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ހުށަހެޅި ސަބަބުތަކަށް ރިޢާޔަތްކޮށް، މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދަ ދީފައިވާކަމަށެވެ.
ރައީސް ނަޝީދުގެ އިތުރުން، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާއި، ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްއާއި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަހުމަދު ނާޒިމްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަތައްވެސް ސުޕްރީމް ކޯޓުން ވަނީ ބަލައިގަނެފައެވެ.
ސުޕްރީމް ކޯޓުން ބުނީ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަހުމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް މުރާޖަޢާކޮށްދިނުމަށް އެދި ހުށަހެޅި ސަބަބުތަކަށް ރިޢާޔަތްކޮށް، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދަ ދީފައިވާކަމަށެވެ.
މީގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްޗަށް ހައިކޯޓުން އިއްވާފައިވާ ޙުކުމް އިސްތިއުނާފްކުރުމަށް ސުޕްރީމް ކޯޓުން ހުށަހެޅުމުން، އެމައްސަލަ ބަލައިނުގަތް މައްސަލަ މުރާޖަޢާކުރުމަށްވެސް ސުޕްރީމް ކޯޓުން ނިންމާފައިވާކަމަށެވެ.
އަދި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްގެ މައްޗަށް ހައިކޯޓުން އިއްވާފައިވާ ޙުކުމް އިސްތިއުނާފްކުރުމަށް ސުޕްރީމް ކޯޓުން ހުށަހެޅުމުން، އެމައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާ ނިންމުން މުރާޖަޢާކޮށްދިނުން އެދި ހުށަހެޅި ސަބަބުތަކަށް ރިޢާޔަތްކޮށް، އެމައްސަލައިގައި އިޖުރާއީ އަޑުއެހުމެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.