ޚަބަރު

ބްރެކްސިޓް ޑީލަށް ވިލާތުގެ އިއްތިހާދުގެ ލީޑަރުންގެ ރުހުން ލިބިއްޖެ


ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމަށް އެކުލަވާލާފައިވާ އެއްބަސްވުން، "ބްރެކްސިޓް ޑީލް" ވިލާތުގެ އިއްތިހާދުގެ ލީޑަރުން ބަލައިގެންފިއެވެ.

600 ޞަފުޙާގެ މި އެއްބަސްވުމުގައި ސްޓޭމްޕްޖަހައި، އެ ބަލައިގަތުމަށް، ބްރަސަލްސްގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އީ.ޔޫގެ ލީޑަރުން ނިންމެވީ، އެންމެ ބައި ގަޑިއިރުގެ ތެރޭގައެވެ.

އީ.ޔޫގެ ލީޑަރުން މި އެއްބަސްވުމަށް ފެހި ސިގްނަލް ދީފައިވާނަމަވެސް، އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ އަށް، މި އެއްބަސްވުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯދިފައެއް ނުވެއެވެ.

އެހެންނަމަވެސް، އީ.ޔޫގެ ލީޑަރުން އެ އެއްބަސްވުން ބަލައިގަތުމުން، 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހު އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށްފަހު އީޔޫގެ މެމްބަރު ޤައުމުތަކާއެކު އޮންނަ ސިޔާސީ، ޚާރިޖީ އަދި އިޤްތިޞާދީ ގުޅުންތައް ބައްޓަންކުރާނޭ އޮނިގަނޑު އެކުލަވާލެވުނީއެވެ.

އީ.ޔޫގެ ޗީފް އެގްޒެކަޓިވް ޖޮން ކްލޯން ޔުންކަރ ވިދާޅުވީ، މި އެއްބަސްވުމަށް ޤަނޫނު ހަދާ މަޖިލީހުގެ ރުހުން ހޯއްދެވުމުގައިވެސް މޭ ކާމޔާބު ހޯއްދަވާނެކަމަށެވެ. މިޝެލް ބާނިއޭ ވިދާޅުވީ، މި އެއްބަސްވުން ވެގެންދާނީ މުސްތަޤުބަލުގައި މިއަށްވުރެ ބަދަހި ގުޅުންތަކެއް ބިނާކުރުމަށް އަޅާ ބިންގަލަކަށްކަމަށެވެ.