ޚަބަރު

ރައީސް ނަޝީދުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާޠިލުކޮށްފި


ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޖަލު ޙުކުމް ބާޠިލުކޮށް، ސުޕްރީމް ކޯޓުން އެމަނިކުފާނު މިނިވަން ކޮށްފިއެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލުޙުކުމެއް ކުރިމިނަލް ކޯޓުން އިއްވާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކުރިމިނަލް ކޯޓްގެ ކުރީގެ ކުރީގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރި މައްސަލައިގައި ދައުލަތުން ކުރި ޓެރަރިޒަމްގެ ދަޢުވާ ސާބިތުވުމާ ގުޅިގެންނެވެ. އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ޙުކުމް ސުޕްރީމް ކޯޓުން ރިވިއުކުރެއްވުމަށްފަހު މިއަދު އެކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި، އެމަނިކުފާނު މިނިވަންކޮށްފައެވެ.

ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ޙުކުމް ރިވިއުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅުމާ ގުޅިގެން، އެކޯޓުން ވަނީ އެމަނިކުފާނުގެ މައްސަލަ ބަލައި ނިންމަންދެން ޙުކުމް ތަންފީޛްކުރުން ފަސްކުރުމަށް ވަގުތީ އަމުރެއްވެސް ނެރެފައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ކުރިމިނަލް ކޯޓްގެ ކުރީގެ އޭރުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުހައްމަދު ހައްޔަރުކޮށްފައިވަނީ ސިފައިން މެދުވެރިކޮށެވެ. މިމައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދަޢުވާ ސާބިތުވެ އެމަނިކުފާނު 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަދުވަހުއެވެ.

މިޙުކުމާއެކު މާފުށީ ޖަލުގައި ޙުކުމް ތަންފީޒުކުރައްވަން ދުވަސްކޮޅަކު ހުންނެވުމަށް ފަހު އެމަނިކުފާނު ވަޑައިގަތީ ބޭސްފަރުވާއަށް އިނގިރޭސިވިލާތަށެވެ. އޭގެފަހުން އެޤައުމުން ސިޔާސީ ޙިމާޔަތް ހޯއްދަވައިގެން ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގަތީ މިމަހުގެ ފުރަތަމަދުވަހުއެވެ.
ރައީސް ނަޝީދުގެ 13 އަހަރުގެ ޖަލުޙުކުމް ރިވިއު ކުރުމަށްފަހު ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ކަނޑައަޅާފައިވަނީ އެމަނިކުފާނުގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ބާޠިލް އިޖުރާޢަތެއްގެ މައްޗަށް ކަމަށާ، އޭގެ ދަށުން ހިނގާފައިވާ ކޮންމެ ކަމަކީ ވެސް ބާޠިލް ކަމެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރާއި ހިމެނިވަޑައިގްނަނަވާ ގޮތަށް ސުޕްރީމްކޯޓްގެ ތިން ފަނޑިޔާރުންގެ އިއްތިފާޤުން އިއްވި ހުކުމްގައި ބުނެފައިވަނީ ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ މައްސަލަ ސާބިތުކުރުމަށް ޤާނޫނީ އެއްވެސް ހެއްކެއް ޕީޖީގެ ފަރާތުން ހުށައަޅާފައިނުވާކަމަށެވެ. ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލިއިރު ޓެރަރިޒަމްގެ ޤާނޫނުގައި ބުނާކަންކަން ފުރިހަމަނުވާކަމަށް ވެސް ސުޕްރީމްކޯޓްގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ. އަދި މި މައްސަލަ ކުރިމިނަލްކޯޓުން ބަލައިގަތުމަށް ނިންމުމަކީ ޤާނޫނީ އިޖްރާތުތަކާއި ހިލާފަށްކަމަށްވެސް ސުޕްރީމްކޯޓްގެ ހުކުމުގައިވެއެވެ.

ފުލުހުންގެ މަސައްކަތާއި ޒިންމާތަކަށް އޭރު ކުރިމިނަލްކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހުރަސްއަޅުއްވަމުންދާތީ އެ މައްސަލަ ބަލާ ފިޔަވަޅު އަޅާދިނުމަށް ޖޭއެސްސީގައި އެދުނުކަން ސުޕްރީމްކޯޓްގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ. އަދި ޖޭއެސްސީން އަބްދުﷲ މުހައްމަދާއި މެދު ފިޔަވަޅު އަޅާފައިނުވުމުން ފުލުހުން ސިފައިންގެ އެހީތެރިކަން ހޯދާފައިވާކަމަށާއި އަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ސިފައިންގެ ޤާނޫނުން ލިބިދޭ ބާރުގެ ދަށުންކަމަށްވެސް ސުޕްރީމްކޯޓްގެ ހުކުމުގައިވެއެވެ. އަދި އެކަން އެއީ ކިޑްނެޕްކުރުން ނުވަތަ ރަހީނުކުރުން ފަދަ ކުށަކަށް ޕީޖީ އަށް ނުހެދޭނެކަމަށްވެސް ސުޕްރީމްކޯޓުން މިއަދު އިއްވި ހުކުމްގައި ފާހަގަކޮށްފައިވެއެވެ.