އެސް.ޓީ.އޯގެ ވިޔަފާރި މިހާރަށްވުރެ ފުޅާކޮށް އެއާއެކު ބައިނަލް އަޤްވާމީ ވިޔަފާރީގެ ތެރެއަށް އެސްޓީއޯ ވަނުމަށް ރައީސް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އެދިވަޑައިގެންފިއެވެ.އެމަނިކުފާން މިހެން އެދިވަޑައިގަތީ، އެސްޓިއޯއަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.އެސްޓީއޯއަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވީ އެސްޓީއޯއަކީ އަބަދު މުދާގަނެ މުދާ ވިއްކަން ތިބޭ ބަޔަކަށް ވެގެން ނުވާނެ ކަމަށާއި ވިޔަފާރިފުޅާކޮށް ރާއްޖޭގައި އިގްތިސާދީ އިތުރު ދާއިރާތަކުގައި އެސްޓީއޯއިން މިހާރު އިންވެސްޓް ކުރަން ވެއްޖެކަމުގައެވެ. އަދި އެސްޓީއޯގެ ވިޔަފާރި ބައިނަލް އަގުވާމީ ދާއިރާގައި ހިންގަން ރައީސް އެދިވަޑައިގެންނެވިއެވެ.އެސްޓީއޯގެ ވިޔަފާރިތައް ފުޅާކުރެވޭނެ ދާއިރާތަކަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާން ވިދާޅުވީ މިހާރަށްވުރެ އަގު ހެޔޮގޮތެއްގައި ތެޔޮ ހޯދޭނެ އަދި ތެޔޮ ފޯރުކޮށްދެވޭނެ ގޮތްތަކަކާ ދޭތެރޭގައި ވެސް އެސްޓީއޯއިން ވިސްނަންޖެހޭ ކަމަށެވެ.ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުންފުނިތަކުން ދޭ ހިދުމަތްތައް ރަނގަޅުތޯ ބެލުމަށް ކުންފުނިތަކުގެ ހިންގުމުގެ ތެރޭގައި އުޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި ބޭނުންވާ ގޮތަށް ހިދުމަތް ނުދޭނަމަ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން މަގާމުން ވަކިކުރައްވާނެ ކަމަށެވެ.ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ކުންފުނިތައް އުފައްދާފައި ވަނީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަމަށްވާއިރު ކުންފުނިތައް ހިނގަނީ ރަނގަޅަށްތޯ ބަލައި އެ ކުންފުނިތަށް ހަމަމަގަށް އެޅުވުމަށް ސަރުކާރުން މަސައްކަތްކުރާނެކަމަށެވެ.އެމަނިކުފާން ވިދާޅުވީ ކުންފުނިތަކުގެ ހިންގުމުގެތެރެއަށް ވަނުމަކީ ބޯޑުގައި ހުންނަ ހުރިހާ މައްސަލަތަކަށް ފާޑުކިޔުމެއް ނޫން ކަމަށާއި ނަމަވެސް ކުންފުނިތައް އޮޕަރޭޓް ކުރަންޖެހޭނެގޮތުގެ މައިގަނޑު ވިޔުގައެއް ސަރުކާރުން ދައްކާނެކަމަށެވެ.ކުންފުނިތައް ރަނގަޅަށް ނުހިނގުމުން އޭގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭ ކަމަށް ވިދާޅުވެ، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ދާދި ފަހުން ދިމާވި އަލިފާނުގެ ހާދިސާގެ ސަބަބުން ސަރުކާރަށް ދިމާވި ގޮންޖެހުންތައް ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެފަދަ ކަންތައްތަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.ރައީސް ޔާމިން ވިދާޅުވީ ފާއިތުވީ ހަތަރު ފަސްއަހަރުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކަށް ލިބޭ ފައިދާ އިން ސަރުކާރަށް ޑިވިޑެންޓް ނުދައްކާ ކަމަށާއި މިހެންވުމުން ސަރުކާރަށް ނަފާ ނުލިބޭ ކަމަށެވެ. އެހެންކަމުން ކުންފުނިތައް އުފައްދައިގެން ސަރުކާރަށް ވަނީ ކޮންފައިދާއެއްތޯ ކުންފުނިތަކުގެ ބޯޑު މެމްބަރުން ވިސްނުމަށް ރައީސް ޔާމީން އިލްތިމާސް ކުރެއްވިއެވެ. މިގޮތުން ކުންފުނިތަކަށް ލިބޭ ފައިދާއިން އެންމެ އެކަށޭނަ އަދަދެއް ކުންފުނިތަކުން ސަރުކާރަށް ދައްކަންޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.އެމަނިކުފާން އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރުގެ ހުރިހާ ކުންފުއްޏެއްގެ ޕާފޯމަންސް އޮޑިޓެއް ދަނީ ހެދަމުން ކަމަށާއި އެކަމުގެ މަގުސަދަކީ ކުންފުނިތައް ކުރިއަށް ދަނީ ރަނގަޅަށްތޯ ބެލުން ކަމަށެވެ.ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެސްޓީއޯއަށްކޮށްދެއްވި އަގުހުރި ހިދުމަތްތައް ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާއަށް ރޭގެޖަލްސާގައިވަނީ ހާއްސަ ހަނދާނީ ފިލައެއް ދެއްވާފައެވެ.