ސްޕެނިޝް ލަލީގައި ރޭ އެކެއް ސުމަކުން ލެވާންތޭ އަތުން މޮޅުވި މެޗުގައި ފެނުނީ މިސީޒަންގައި މިހާތަނަށް އެތްލެޓިކޯ މެޑްރިޑް ދެއްކި އެންމެ މޮޅު ކުޅުން ކަމުގައި ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފި އެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު އެތްލެޓިކޯ މެޑްރިޑް އޮތީ ލީގު ތާވަލްގެ ދެވަނާގައި އެވެ. އެއީ އެއްވަނާގައި އޮތް ބާސެލޯނާއަށްވުރެ ފަސް ޕޮއިންޓް ފަހަތުގައި އެވެ.
މެޗަށްފަހު ކޯޗު ސިމިއޯނީ ބުނީ އޭނާގެ ޓީމުން މިމެޗުގައި ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށާއި ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރި ކަމަށެވެ. އަދި ހާއްސަކޮށް އެއް ފެންވަރެއްގައި ގިނަ މެޗުތަކެއް ކުޅެމުންދިޔުމަކީ ލިބޭ އިތުރު ހިތްހަމަޖެހުމެއް ކަމަށްވެސް ސިމިއޯނީ ބުންޏެވެ.
އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ބުނީ ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމުންޑް އަތުން މޮޅުވި މެޗާ ރޭ ލެވާންތޭ އަތުން މޮޅުވި މެޗަކީ މުޅި ސީޒަންގައިވެސް އެންމެ މޮޅަށް ކުޅުނު ދެ މެޗުކަމަށެވެ. އާއްމުގޮތެއްގައި މެޗު ނިމުމާއެކު ޗޭންޖިންގ ރޫމަށްދާ ސިމިއޯނީ ވަނީ ރޭގެ މެޗަށްފަހު ދަނޑުމައްޗަށް އަރާ ވަކިވަކިން ކޮންމެ ކުޅުންތެރިއަކަށް މަރުޚަބާ ކިޔާފައެވެ.