މިވަގުތު މަގާމެއްގެ ނެތި ހުރި މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ އަށް ރެއާލް މެޑްރިޑުގެ ކޯޗުކަމާ ހަވާލުވެއްޖެނަމަ އޭނާ އަށް ހޫނު މަރުހަބާއެއް ކިޔާނެ ކަމަށް ސްޕެނިޝް ލީގުން ބުނެފި އެވެ.
ލީގުގެ ރައީސް ހާވިއާ ޓަބޭސް ބުނީ މޮރީނިއޯ އަކީ މޮޅު އަދި ތަޖުރިބާކާރު ކޯޗެއް ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގެ ކޯޗަކަށް މަރުހަބާ ނުކިޔާންވީ ސަބަބެއް ނެތް ކަމަށެވެ.
އޭނާ މިހެން ބުނީ މި ސީޒަނަށް ފަހު ރެއާލްގެ ކޯޗަކަށް މޮރީނިއޯ ގެންނަން އެކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް މަސައްކަތް ކުރަމުންދާ ވާހަތަކުގެ އަޑު ގަދަވެފައިވަނިކޮށެވެ.
މޮރީނިއޯ ވަނީ މީގެ ކުރިން ވެސް ރެއާލް އަށް ކޯޗުކޮށްދީފަ އެވެ. ތިން އަހަރު ކޯޗުކޮށްދިނުމަށްފަހު އޭނާ ވަކިވީ ރެއާލް އަށް ސްޕެނިޝް ކަޕާއި ލީގު ކާމިޔާބުކޮށްދީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ތިން ފަހަރު ގެންގޮސްދީފަ އެވެ. އޭނާ މިވަގުތު ވަޒީފާއެއްނެތި ހުރީ މިދިޔަ މަހު މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުން ވަކިކުރުމުންނެވެ.
ޗެލްސީގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗު ޔުނައިޓެޑުގެ ކޯޗުކަމުން ވަކިކުރީ ކުޅުންތެރިންނާ މައްސަލަޖެހި ނަތިޖާތައް ގޯސްވުމުންނެވެ.