ކުޅިވަރު

ބީޗް ވޮލީ ކުރިއެރުވުމަށް ޖޫން މަހު ޚާއްސަ މުބާރާތެއް ބާއްވަނީ


ރާއްޖެއަކީ ރީތި ބީޗުތައް ގިނަ ޤައުމެއް ކަމަށާއި، އެހެންކަމުން ރާއްޖޭގައި ބީޗުވޮލީ އަށް ޚާއްސަ މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ވޮލީބޯޅަ އެސޯސިއޭޝަނާއި ޓުއަރިޒަމް މިނިސްޓަރީ އާއި ދެމުދު މިއަދު ކުރިޔަށްގެންދިޔަ ބައްދަލުކުރެއްވުމަށްފަހު ޕީ.އެސް.އެމް ސްޕޯޓްސް އަށް މައުލޫމާތު ދެއްވަމުން ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ، ރާއްޖޭގެ ބީޗުތައް ޕްރޮމޯޓް ކުރުމަށް ޖޫން މަހު ޙާއްސަ ބީޗުވޮލީ މުބާރާތެއް ބޭއްވުމާއި މެދު ޓުއަރިޒަމް މިނިސްޓަރ އާއި މެދު މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މިއަހަރަކީ އިންޓަރ ރިސޯޓް ވޮލީ މުބާރާތް ބާއްވާ ވިހިވަނަ އަހަރަށް ވުމާއެކު، އެމުބާރާތް އެހެން އަހަރުތަކާއި ޙިލާފަށް ކުރިއަށްވުރެއް ފުރިހަމަކޮށް ކުރިޔަށް ގެންޔުމަށް މިނިސްޓަރ އަލީ ވަހީދާ މެދު މަޝްވަރާ ކުރެވުނުކަމަށެވެ.

"މިއަދު އަޅުގަނޑުމެން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާ މި ބައްދަލުކުރެއްވީ ރާއްޖޭގައި ބީޗު ވޮލީގެ ހަރަކާތްތައް އިތުރަށް ކުރިޔަށްގެންދިޔުމަށް. އެގޮތުން ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް ޖޫން މަހު ޚާއްސަ މުބާރާތެއް ބޭއްވުމަށް ވަނީ މަޝްވަރާކުރެވިފައި. އަދި މި އަހަރަކީ އިންޓަރ ރިސޯޓު ވޮލީބޯޅަ މުބާރާތް ބާއްވާތާ ވިހިވަނަ އަހަރު. އެހެންކަމުން އެ މުބާރާތް އިތުރުށް ފުރިހަމަ ކުރުމަށްވެސް މަޝްވަރާ ކުރެވުނު". މުޙައްމަދު ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ހުރިހާކަމަކަށްވެސް މިނިސްޓްރީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ދެއްވާފައިވާކަމަށެވެ. އަދި މި މަސައްކަތް ފުރިހަމަކޮށް ކުރިޔަށްގެންދިޔުމަށް ވޮލީބޯޅަ އެސޯސިއޭޝަނާއި، މިނިސްޓްރީ އާއި މެދު ކޮމިޓީއެއް އެކުލަވާލުމަށް ހަމަޖެހިފައިވާކަމަށްވެސް ލަތީފް ވިދާޅުވި އެވެ.