ޚަބަރު

500 އަށްވުރެ ގިނަ ކޯހާއެކު އެޑިއުކޭޝަން އެކްސްޕޯ ފެބްރުއަރީމަހު


މަތީ ތަޢުލީމާ ބެހޭގޮތުން މަޢުލޫމާތުދިނުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފެއަރ، މޯލްޑިވްސް އިންޓަރނޭޝަނަލް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ އަންނަމަހު ބޭއްވުމަށް ނިންމައިފިއެވެ.

މި ފެއަރއަކީ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސް އާއި އަސަރީ ސަރވިސް ގުޅިގެން 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފެއަރއެކެވެ. މިއަހަރުގެ ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 14، 15 އަދި 16 ވަނަ ދުވަހު ދަރުބާރުގޭގައެވެ.

އަސަރީ ސާރވިސް ޕްރައިވެޓް ލިމިޓެޑުން ބުނީ މި ފެއަރ އަކީ ޕްރައިވެޓް ހަޔަރ އެޑިއުކޭޝަން އެސޯސިއޭޝަނާ ގުޅިގެން ބާއްވާ ފެއަރއަކަށްވާއިރު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެއްބާރުލުން މިފެއަރއަށް ލިބޭކަމަށެވެ. އަދި މި ފެއަރގެ ތެރެއިން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހުރި ތައުލީމީ ފުރުސަތުތަކާއި ސްކޮލަރޝިޕްތަކުގެ އިތުރުން ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު ލިބިގެންދާނެކަމަށް އަސަރީ ސަރވިސްއިން މައުލޫމާތުދެއެވެ.

މިއަހަރުގެ ފެއަރގައި ސާޅީހަށްވުރެ ގިނަ ފަރާތަކުން ބައިވެރިވާއިރު މި ފެއަރގެ ތެރެއިން 500 އަށްވުރެ ގިނަ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް ފެއަރ އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތުދެއެވެ.