ކުޅިވަރު

އެމްބީއޭ 3 އޮން 3 ފައިނަލް


އެމްބީއޭ ތްރީ އޮން ތްރީ ބާސްކެޓް މުބާރާތުގެ ޗެމްޕިއަންކަން ވާދަވެރި ފައިނަލަކަށްފަހު ލިބުމަކީ ބޮޑު ހިތްހަމަޖެހުމެއްކަމަށް އަންހެން ބައިގެ ޗެމްޕިއަން ޓީމް ނުރައްކާއިން ބުނެފިއެވެ.

ބާސްކެޓިއަރސް އާ ވާދަކޮށް މެޗް ކާމިޔާބުކުރި ނުރައްކާ ޓީމުން ބުނީ މުޅި މުބާރާތުގައި ފަސޭހަ މެޗްތަކެއް ލިބުމަށްފަހު، ފަހު މެޗްގައި ވާދަވެރި ޓީމަކާ ވާދަކޮށްލަން ލިބުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ފަހު ސެޓް ޕީސް އިން މޮޅުވުމަކީ މުބާރާތުން މޮޅުވެވޭނެ އެންމެ ފުރިހަމަ ގޮތް ކަމަށާއި އެގޮތަށް މޮޅުވުމަކީ ލިބޭ އުފަލެއްކަމަށެވެ.
"މުޅި މުބާރާތުގަ ފަސޭހަ މެޗްތައްލިބުނީ ދެން ފައިނަލް މެޗް ޗެލެންޖިންގް ވީމަ ވަރަށް އުފާވި. މެޗް ވަރަށް ރަނގަޅަށް ދިޔައީ، ބެލުންތެރިންވެސް އެންމެ ބަލާ ހިތްވާނެ ގޮތަށް ކަންނޭނގެ ނިމިގެން އެ ދިޔައީ، އެންމެ ފަހު ސެޓް ޕީސް އިން މޮޅުވެގެން" ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަމުން ނުރައްކާގެ ކުޅުންތެރިޔާ ބުންޏެވެ،

ހާފްކޯޓް މޯލްޑިވްސް ބަލިކޮށް ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދި ރެޑް ވިންގްސް ބީސީއިން ބުނީ މުބާރާތުގައި ބައިވެރިވީ އެއްވެސް ފަރިތަކުރުމަކާ ނުލާ ކަމަށާއި، ޗެމްޕިއަންކަން ލިބުނީ ކުޅުންތެރިންގެ މެދުގައި އޮތް ކޮމްބިނޭޝަން ރަނގަޅު ވުމުން ކަމަށެވެ.
" އެއްވެސް ޕްރެކްޓިސްއެއްވެސް ނުކޮށް މުބާރާތުގަ ބައިވެރިވީ. ދެން ކުޅޭ ކުދިންނަށް ވެފަ ކުޅުންގަނޑާ ރިދަމް ވެސް އެއްގޮތްވީމަ އެހާ ފަސޭހަވީ" ރެޑްވިންގްސް ބީސީގެ ކުޅުންތެރިއެއް ބުންޏެވެ.
ތިން ދުވަހަށް ކުރިއަށް ދިޔަ މުބާރާތުގެ ޗެމްޕިއަންޓީމްތަކަށް ވަނީ ތަށްޓާއި މެޑަލްގެ އިތުރުން ކޮންމެ ޓީމަކަށް ފަސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.