ފްރާންސް ނޯންސް އިން ކާޑިފްސިޓީއަށް ދަތުރުކުރަނިކޮށް ގެއްލުނު ކުޅުންތެރިޔާ އެމީލިއާނޯ ސަލާ ސަލާމަތުން ފެންނާނެ ކަމުގެ އުންމީދު ކަނޑާލައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕްރިމިއަރ ލީގްގެ ކާޑިފްއަށް ފަނަރަ މިލިއަނަށް ސޮއިކުރި 28 އަހަރުގެ ކުޅުންތެރިޔާ ދަތުރު ކުރި ފްލައިޓް ގެއްލިފައިވަނީ، ހޯމަ ދުވަހު އޭނާގެ އާ ކްލަބަށް ދިޔުމަށް ކުރި ދަތުރު މަތީގައެވެ. އަދި ދަތުރު މަތީގައި ތޫފާނުގައި ޖެހުމުން އޭނާގެ އާއިލާއަށް ފޮނުވާފައިހުރި އޯޑިއޯ މެސެޖްތައް އާއިލާއިން މީޑިޔާއާ ހިއްސާކޮށްފައި ވާއިރު، މި މެސެޖްތަކުގައި ފްލައިޓް ހަލާކުވެދާނެތީ ބިރުން ހުރި ވާހަކަ އޭނާވަނީ އާއިލާއާ ހިއްސާކޮށްފައެވެ. ފްލައިޓްގައި ޕައިލެޓްއާއި ސަލާގެ އިތުރުން އެހެންބަޔަކު ނެތް ކަމަށް މައުލޫމާތު ލިބެއެވެ.
މި ފްލައިޓް ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ ނަމަވެސް ފެންމަތީގައި އޮޔާދާ އެއްޗެހި ތަކެއް ފިޔަވައި އިތުރު ނިޝާނެއް ފެނިފައެއްނުވެއެވެ. އަދި މި އޮޔާ ދާ އެއްޗެހިތަކަކީ އެ މަތިންދާ ބޯޓުގެ ބައެއްކަން އަދި ޔަގީން ނުވާ ކަމަށް ޕޮލިހުން މައުލޫމާތުދެެވެ.
ގަދަ ވަޔާ މޫސުން ގޯސް ވުމުގެ ސަބަބުން އިއްޔެ ފްލައިޓް ހޯދުން މެދު ކަނޑާލުމަށްފަހު ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މިފަދަ މޫސުމެއްގައި ފްލައިޓް ވެއްޓިފައިވާނަމަ އޭގައި އެއްވެސް ބަޔަކު ސަލާމަތުން ތިބުމަކީ ނާދިރު ކަމެއް ކަމަށެވެ.
ނަމަވެސް މިއަދު އަނެއްކާވެސް ފްލައިޓް ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ސަލާ ދަތުރުކުރި ފްލައިޓަކީ ދަތުރުކުރަމުންދިޔައީ މީގެ ކުރިންވެސް އެފަދަ ހާދިސާތައް ހިނގާފައިވާ ސަރަހައްދަކުންކަމަށް ރިޕޯޓްތައް ބުނެއެވެ.