ޕީއެސްޖީން މިޑްފީލްޑަރު އެޑްރިއަން ރަބިއޯ ސަސްޕެންޑް ކުރުމުން އޭނާ ކުލަބާ ދެކޮޅަށް ފްރެންޗް ލީގުގައި މައްސަލަ ޖައްސައިފި އެވެ.
މި މައްސަލާގައި ކުޅުންތެރިޔާ މިހާރު ހުރީ ކުލަބު ގޮވައިގެން ކުޅިވަރުގެ އެންމެ މަތީ ކޯޓަށް ދާން ވެސް ތައްޔާރަށެވެ. އަރަބި މަހުޖަނުން ހިންގާ ޕީއެސްޖީން ރަބިއޯ ސަސްޕެންޑް ކުރީ މި ސީޒަން ނިމުމުން އޭނާ ސްޕޭނުގެ ބާސެލޯނާއަށް ދާން އެކުލަބާއެކު އެއްބަސްވުމަށް އައިސްފައިވާ ކަމަށް ބެލެވޭތީއެވެ.
ނަމަވެސް މިކަން ކުޅުންތެރިޔާ އާއި ބާސެލޯނާ ވެސް ދޮގުކުރެއެވެ. ނަމަވެސް ޕްރޮފެޝަނަލް އުސޫލުތަކުގެ މަތިން ދެ ފަރާތުން ވާހަކަ ދައްކާކަން ބާސެލޯނާއިން ޔަގީންކޮށްދެއެވެ. މީގެ ސަބަބުން ރަބިއޯ ވަނީ ޕީއެސްޖީއާއެކު ކޮންޓްރެކްޓް އާކުރަން ތަކުރާރުކޮށް ދެކޮޅު ހަދާފައެވެ.
މިހެންވެ ކުލަބުން ވަނީ އޭނާ ރިޒާވް ޓިމާއެކު ޕްރެކްޓިސް ކުރަން ފޮނުވައި ފުރަތަމަ ޓީމުގެ މެޗުތަކަށް ނުނަގަން ނިންމާފައެވެ. މި މައްސަލާގައި ރަބިއޮޓް ބުނީ މިއީ އޭނާގެ ހައްގުތަކަށް އަރައިގަތުން ކަމަށް ބުނެފައެވެ.
މިހެންވެ އިންސާފު ހޯދުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އޭނާ ބުންޏެވެ. ރަބިއޯ ޓީމަށް ނުނަގަން ނިންމިއިރު ޕީއެސްޖީ އަށް ވަނީ މިޑްފީލްޑަރުންގެ މައްސަލަ ވަރަށް ބޮޑުވެފައެވެ. އެއީ މާކޯ ވެރާއްޓީ އަށް ވެސް އަނިޔާވެފައިވާތީއެވެ.