ޔޫއޭއީ ގައި ކުރިއަށްދާ އޭޝިއަން ކަޕްގައި ރޭ ކުޅުނު ކުއާޓާ ފައިނަލުގެ މެޗު ކާމިޔާބުކޮށް ޖަޕާނާއި އީރާން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޖަޕާން ސެމީ އަށް ދިޔައީ އިއްޔެ ކުޅުނު ކުއާޓާގެ ފުރަތަމަ މެޗުގައި 1-0 އިން ވިއެޓްނާމް ބަލިކޮށްގެންނެވެ.
އީރާން ސެމީގެ ޖާގައެއް ކަށަވަރުކުރީ 3-0 އިން ޗައިނާގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ވިއެޓްނާމް އަތުން ހަނިގޮތަކަށް މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ޖަޕާނުން މެޗު ކާމިޔާބުކުރީ އެޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ.
މި ޕެނަލްޓީއަކީ ވީއޭއާރުގެ އެހީގައި ލިބުނު ޕެނަލްޓީއެކެވެ.
ޖަޕާނުން ލީޑު ނެގުމުގެ ކުރިންވެސް އެޓީމުގެ ޑިފެންޑަރު މަޔާ ޔޮޝީޑާ ބޮލުން ޖެހި ގޯލެއްވެސް ވަނީ ވީއޭއާރުގެ އެހީ ހޯދުމަށްފަހު ނިންމުން ބަދަލުކޮށްފައެވެ.
ވީއޭއާރުން ބެލިއިރު ޔޮޝީޑާ ޖެހި ގޯލުގެ ނިންމުން ބަދަލުކުރީ އަތުގައި އެބޯޅަ ޖެހުނުކަމަށް ވީޑިއޯ ރީޕްލޭ އިން ދެއްކުމުންނެވެ.
ކުއާޓާގެ ދެ ވަނަ މެޗުގައި އީރާނުން ޗައިނާ ބަލިކުރި މެޗުގެ ފުރަތަމަ ގޯލު 18 ވަނަ މިނެޓުގައި އިރާނަށް ކާމިޔާބުކޮށްދިނީ މެހެދީ ޓަރޭމީއެވެ.
ފުރަތަމަ ގޯލަށްފަހު މެޗުގެ ދެ ވަނަ ގޯލު އަޒްމޫން ޖެހީ 31 ވަނަ މިނެޓުގައި ޗައިނާގެ ޑިފެންޑަރުން އަތުން ބޯޅަ އަތުލުމަށްފަހު ކީޕަރު ކައިރިންވެސް ކަޓުވާފައި ގޮހެވެ.
އީރާނުން މެޗުގެ ތިން ވަނަ ގޯލު ޖެހީ ފަހު މިނެޓުގައި ކަރީމް އަންސަރިފާޑްއެވެ.
މެޗުގައި ޗައިނާ އަށް މާ ހުސް ފުރުސަތެއް ލިބިފެއް ނުވެއެވެ.
ސެމީގައި އީރާން ނުކުންނާނީ ކުއާޓާގެ ފުރަތަމަ މެޗުން މޮޅުވި ޖަޕާނާއި ދެކޮޅަށެވެ. ފަސް ވަނަ ފަހަރު މުބާރާތް ކާމިޔާބު ކުރުމުގެ އުއްމީދުގައި މުބާރާތަށް ކުރިމަތިލި ޖަޕާނުން އެންމެ ފަހުން މި މުބާރާތް ކާމިޔާބުކުރީ 2011 ވަނަ އަހަރުއެވެ.