ޚަބަރު

އޯޓިޒަމާއި ޑައުންސިންޑްރޯމް ހުންނަ ކުދިންނަށް ޤްރުއާން ކްލާހެއް


ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން ފެށުމަށް ހަމަޖެހިފައިވާ ޤުރުއާން ކްލާސްތަކުގައި ބައިވެރިވުމަށްޓަކައި ވިހި ކުއްޖެއްގެ ނަން ނޯޓްކޮށްފައިވާ ކަމަށް ޤުރުއާނާ ބެހޭ މަރުކަޒުން ހާމަކޮށްފިއެވެ.މި ޕްރޮގްރާމް ފެށުމަށްޓަކައި ޤުރުއާން ޓީޗަރުން ހޯދުމަށް އިއުލާންކޮށްފައިވާ ކަމަށާއި އެފަދަ ކުދިންނަށް ކިޔަވާ ދިނުމަށް ބޭނުންވާ ޚާއްސަ ތަމްރީނެއް މި ޕްރޮގްރާމަށް ހޮވާ ޓީޗަރުންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމަރުކަޒުން މައުލޫމާތުދެއެވެ.މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އިމާދުއްދީން ސްކޫލްގައި ކިޔަވަމުންދާ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުރިއަށްގެންދާ ނިޒާމީ ކްލާސްތަކުގައްޔާއި ކޮންމެ ހޮނިހިރު ދުވަހަކު އަރަބިއްޔާ ސްކޫލްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޤުރުއާން ކްލާސްތަކެއްގައި ކަމަށްވެސް ޤުރުއާނާ ބެހޭ މަރުކަޒުން މައުލޫމާތުދެއެވެ.ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން އޯޓިޒަމާއި ޑައުންސިންޑްރޯމް ހުންނަ ކުދިންނަށް ޚާއްސަކުރެވިގެން ފަށާ މިކްލާސްތަކަކީ ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އާދައިގެ ޤުރުއާން ކްލާސްތަކުންނާއި ސްކޫލްތަކުގައި އޮތް ޖާގަ ހަނިވުމުގެ އިތުރުން، އެކުދިންނަށް ނަގާފީތައް ބޮޑުވުމުގެ ސަބަބުން، ބެލެނިވެރިންގެ ހުށަހެޅުމުގެ މަތިން ފަށާ ކްލާސްތަކެއް ކަމަށް ޤުރުއާނާބެހޭ މަރުކަޒުން މައުލޫމާތުދެއެވެ.