އިންޑިޔާގެ ރަށްވެހިކަމާބެހޭ ގާނޫނަށް އިސްލާޙް ގެނައުމަށް އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާއިން ދާދިފަހުން ފާސްކުރި ބިލާ ދެކޮޅަށް އައްސާމްގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފިއެވެ. މުޒާހަރާކުރި މީހުންވަނީ އެއީ ޤަވާއިދާ ޚިލާފަށް އިންޑިއާއަށް ހިޖުރަކޮށްގެންއުޅޭ ބޭރުމީހުންނަށް ރަށްވެހިކަން ދިނުމަށް އިންޑިޔާގެ ރަށްވެހިކަމުގެ ޤާނޫނަށް ގެންނަން އުޅޭ އިސްލާޙެއް ކަމަށްބުނެ އެއްވެސް ދީނަކަށް ނުބަލައި، ޤަވާއިދާ ޚިލާފަށް އިންޑިއާއަށް ހިޖުރަކޮށްގެން އުޅޭ ބޭރު ގައުމުތަކުގެ އެންމެން އިންޑިޔާއިން ބޭރުކުރުމަށް ގޮވާލާފައެވެ.
އިންޑިޔާގެ ރަށްވެހިކަމާބެހޭ ގާނޫނަށް އިސްލާޙް ގެނައުމަށް ލޯކް ސަބާއިން ދާދިފަހުން ފާސްކުރި ބިލްގައި ބަންގްލަދޭޝް، ޕާކިސްތާން އަދި އަފްޣާނިސްތާން ފަދަ އަވަށްޓެރި ގައުމުތަކުން ގަވައިދާ ޚިލާފަށް އިންޑިޔާއަށް ހިޖްރަކޮށްގެން އުޅޭ ހިންދޫންނާއި ބުދިސްޓުންފަދަ ޣައިރު މުސްލިމުންގެ އަތުގައި ލިޔެކިޔުންތައް ނެތް ނަމަވެސް އެމީހުންނަށް އިންޑިޔާގެ ރަށްވެހިކަން ދެވިދާނެކަން ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މިއީ، ޒަމާނުއްސުރެ އިންޑިޔާއަށް ހިޖުރަކޮށްގެން އުޅޭ މުސްލިމުންނާމެދު ނަސްލީ އިމްތިޔާޒުގެ އުސޫލުން މުއާމަލާތް ކުރުމަށް މަގުފަހިވެގެންދާނެ ބިލެއްކަމަށާއި، އެބިލްގެ ސަބަބުން އައްސާމްފަދަ ސްޓޭޓްތަކުގައި ދިރިއުޅޭ މުސްލިމުންގެ ރަށްވެހިކަމުގެ ހައްގުތައް ގެއްލިގެން ދާނެކަމަށް އިންޑިޔާގެ މުސްލިމުން ދެކެއެވެ.
ލޮކް ސަބާއިން އެ ބިލް ފާސްކޮށްފައިވީ ނަމަވެސް ޤާނޫނު ހަދާ މަޖިލީހުގެ މަތީގެ ކަމަށްވާ ރާޖްޔާ ސަބާގެ އަޣުލަބިއްޔަތު އޮންނަނީ އިދިކޮޅު ކޮންގްރެސް ޕާޓީއަށް ކަމަށްވާތީ އެތަނުން އެބިލް ފާސް ވުމަކީ މުސްތަޙިލް ކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. ބަންގްލަދޭޝް އިން މީގެ ފަންސާހަކަށް އަހަރު ކުރިން ހިޖްރަކޮށްގެން އާސާމްގައި ދިރިއުޅޭ މުސްލިމުންގެ އަތުގައި ލިޔެކިޔުންނެތް ކަމަށްބުނެ އާސްމްގެ ލޯކަލް ސަރުކާރުން މިދިޔަ އަހަރުވަނީ އެ ސްޓޭޓް ރައްވެހިންގެ ދަފްތަރުގައި ލިޔެކިޔުންތައް ހުރި މީހުން އެމީހުންގެ ނަންތައް އަލުން ރަޖިސްޓްރީ ކުރުމަށް ދެކޮޅު ހަދާފައެވެ.
މިކަމުގެ ސަބަބުން އާސާމްގެ މުސްލިމުންގެ ތެރެއިން ހަތަރު މިލިޔަނަށްވުރެ ގިނަ އެމީހުންގެ ރަށްވެހިކަމުގެ ޙައްޤުވަނީ ގެއްލިފައެވެ. އިންޑިޔާގެ މުސްލިމުންނާ އަދި އިދިކޮޅު ކޮންގްރެސް ޕާޓީ ތުހުމަތުކުރާ ގޮތުގައި މިއީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީގައި ހިމެނޭ ހިންދޫ ހަރުކަށިވިސްނުމުގެ މީހުން ރުއްސުމަށް ފާސްކޮށްފައިވާ ބިލެކެވެ. އަދި މިއީ އަންނަ މޭމަހު ބައްވާ އިންޑިޔާގެ އާއްމު އިންތިޚާބުގައި، މުސްލިމުންނާ އިދިކޮޅު ހިންދޫ ހަރުކަށި ވިސްނުމުގެ މީހުންގެ ވޯޓު ހޯދުމަށް ފާސްކޮށްފައިވާ ބިލެއްކަމަށްވެސް އާސާމްގެ ވެރިރަށް ގުވަހައްޓީގައި މުޒާހަރާކުރި މީހުން ބުނެއެވެ.