ޚަބަރު

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ރީ-ޔޫސަބަލް ބިއްލޫރި ފުޅި ހަދިޔާކޮށްފި


އެއްފަހަރު ބޭނުންކުރުމަށްފަހު އެއްލާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ޤައުމީ ކެމްޕެއިންގެ ދަށުން، އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ރީ-ޔޫސަބަލް ބިއްލޫރި ފުޅި ހަދިޔާކޮށްފިއެވެ.

މިފުޅިތަކަކީ އެންވަޔަރަމަންޓް މިނިސްޓްރީގެ ފެހި ފަހި ކްލަބުން އިސްނަގައިގެން ހަވާލުކުރެވުނު ފުޅިތަކެކެވެ.

ރީ-ޔޫސަބަލް ފުޅި ހަވާލުކުރުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައި ބޭއްވި ރަސްމިއްޔާތުގައި، ފުޅި ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރަމަންޓް ޑރ.އަބްދުﷲ ނަސީރެވެ. އެންޑީއެމްއޭގެ ފަރާތުން ފުޅިއާ ޙަވާލުވެލެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެގެޓިވް ޙިސާން ޙަސަނެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެންވަޔަރމަންޓް ޑރ. އަބްދުﷲ ނަސީރު ވަނީ ރާއްޖެއަކީ ނިސްބަތުން ޕްލާސްޓިކް ބޭނުންކުރާލެއް ގިނަ ޤައުމެއްކަން ފާހަގަކޮށްފައެވެ. އަދި ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމަކީ ސަރުކާރުން ބޮޑު އިސްކަމެއް ދެއްވައިގެން ކުރަމުން އަންނަ ޤައުމީ މަސައްކަތެއް ކަމަށާއި އެކަމުގައި މިނިސްޓްރީތަކާއި، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ޕޮލިސީވެސް އިފްތިތާޙުކޮށްފައެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގެޒެގެޓިވް ޙިސާން ޙަސަން ވިދާޅުވީ، މިފަދަ ޕޮލިސީއެއް އިފްތިތާޙުކުރުމުގެ ބޭނުމަކީ އޮފީސް މާޙައުލަކީ ތިމާވެއްޓާއި ރަށްޓެހި މާހަލުކަށް ހެދުމަށް ބާރުއެޅުން ކަމަށެވެ.

ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމުގެ ކެމްޕެއިނަކީ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙުގެ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން ސަރުކާރުން ނިންމާފައިވަނީ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ފެންފުޅި ބޭނުންކުރުން ހުއްޓާލުމެވެ. މިކެޕްމޭންގެ ދަށުން އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ސްކޫލްތަކާއި ބައެއް އިދާރާތަކަށް ތިމާވެއްޓާ ރަށްޓެހި ފުޅި ހަދިޔާވެސް ކޮށްފައެވެ.