ޖަޕާން 3-1އިން ބަލިކޮށް ފުރަތަމަ ފަހަރަށް އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށް ގަތަރު ތާރީހުން ޖާގަ ހޯދައިފިއެވެ.
އޭޝިޔާގެ އެންމެ ބޮޑު މުބާރާތް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރިއިރު އެޓީމުން ދެ ރެކޯޑެއްވެސް ހެދިއެވެ. ޤަތަރުގެ ފޯވާޑް އަލްމޯޒް އަލީވަނީ މުބާރާތުގައި ނުވަ ގޯލް ޖަހައި އެއް މުބާރާތެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދާފައެވެ. ކުރިން މި ރެކޯޑް އޮތީ 1996ވަނަ އަހަރުގެ އޭޝިއަން ކަޕްގައި ކުޅުނު އިރާން ޓީމްގެ މަޝްހޫރު ފޯވާޑް އަލީ ދާއީ އަތުގައެވެ. މިފަހަރުގެ މުބާރާތުގައި ޤަތަރު ކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ. އެއީ ފައިނަލްގައި ޖަޕާންގެ މިނަމީނޯ ޖެހި ގޯލެވެ.
މެޗަށް ފަހު ގަތަރުގެ ކޯޗު ފެލިކްސް ސަންޗޭޒް ބުނީ މިއީ ވަރަށް ތާރީހީ އަދި އުފާވެރި ކާމިޔާބީއެއް ކަމަށެވެ.
2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގައުމު ހޯދި ކާމިޔާބީއާ މެދު ވާހަކަ ދައްކަމުން ކޯޗު ބުނީ މުބާރާތުގެ ކުރިން ދުނިޔޭގެ ވަރުގަދަ ޓީމުތަކާއެކު ގަތަރު ކުޅުނު މެޗުތައް މި މުބާރާތް ކާމިޔާބު ކުރުމުގައި މުހިންމު ދައުރެއް އަދާކުރި ކަމަށެވެ.
ކޯޗު ފެލިކްސް ސަންޗޭޒް ބުނީ މުބާރާތައް ތައްޔާރުވާން ވަރަށް ރަނގަޅު މެޗުތަކެއް ކުޅުނިން ކަމަށާއި އޭގެ ފައިދާ ވަރަށް ބޮޑަށް ފެނިގެންދިޔަކަމަށެވެ. އަދި ޖަޕާނަކީ މޮޅު އަދި ވަރަށް ރޭވުންތެރި ޓީމެއްކަން މެޗަށް ނިކުތްއިރުވެސް އެނގޭކަމަށް ކޯޗު ބުންޏެވެ. މި ކާމިޔާބީއަކީ އުއްމީދު ކުރި ވަރަށްވުރެ އެއް ފިޔަވަޅު ކުރިއަށް ޖެހުން ފަދަ ކާމިޔާބީއެއްކަން ކޯޗު ފާހަގަކުރިއެވެ.
އޭނާ ބުނީ މި ކާމިޔާބީއާއެކު ކުރިއަށް އޮތް ވޯލްޑް ކަޕަށް ޓީމު ތައްޔާރު ކުރަން ވަރަށް ބޮޑު އިތުބާރެއް ލިބިގެން ހިނގައްޖެ ކަމަށެވެ.