ކުޅިވަރު

މަކީޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ފުވައްމުލަކުގައި ބާއްވާ މަކިޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވައިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 5 ދުވަހުގެ މުއްދަތަށެވެ. އެއީ މާޗް 24އިން 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މައުލޫމާތު ދެއްވިއެވެ.
އެތްލެޓިކްސް އެސޯސިއެޝަން އޮފް މޯލްޑިވްސް އިން މައުލޫމާތު ދިންގޮތުގައި މި މުބާރާތުގައި 8 ޢުމުރުފުރާއަކުން 102 އިވެންޓް ބާއްވަން ނިންމާފައެވެ. ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ޢުމުރުފުރާތަކަކީ އަންހެން ފިރިހެން 13 އަހަރުންދަށް، އަންހެން އަދި ފިރިހެން 15 އަހަރުންދަށް އަދި 17 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން، 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޢުމުރުފުރާއެވެ. މުބާރާތުގެ އަންހެން އަދި ފިރިހެން ޗެމްޕިއަންޓީމަށް 7000.00ރުފިޔާ ދިނުމަށް ހަމަޖެހިފައިވާއިރު ދެވަނަ ޓީމަށް 5000.00ރުފިޔާ އަދި ތިންވަނަ ޓީމަށް 3000.00 ރުފިޔާގެ ދިނުމަށްވަނީ ނިންމާފައެވެ.
މިއަދު ފުވައްމުލަކު ކައުންސިލާއި އެތްލެޓިކްސް އެސޯސިއެޝަންގެ މެމްބަރުންނާއި ބޭއްވި ބައްދަލުވުމުގައި ސިޓީކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޟިރާރު ވިދާޅުވީ އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް މަދުކުރުމުގެ ޤައުމީ ހަރަކާތާ ގުޅުވައިގެން މި މުބާރާތުގައި އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުން ނުކުރުމަށް ވީހާވެސް ބޮޑަކަށް ބާރުއަޅުވާނެ ކަމަށެވެ. މީގެ އިތުރުން މި މުބާރާތް ވީހާވެސް ކާމިޔާބުކަމާއެކު ނިންމާލުމަށް ކައުސިލުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމަށް ވެސް ޟިރާރު ވިދާޅުވިއެވެ.