އެވަޓަން 2-0އިން ބަލިކޮށް އިނގިރޭސި ޕްރިމިއަރ ލީގު ތާވަލުގެ އެއްވަނަ އަށް މެންޗެސްޓާ ސިޓީ ޖެހިލައިފިއެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޓީމަށް ދުވަސްތަކަކަށް ފަހު އެއްވަނަ މި ލިބުނީ ކުރިން އެއްވަނާގައި އޮތް ލިވަޕޫލަށްވުރެ އެއް މެޗު އިތުރަށް ކުޅެ ޕޮއިންޓްގެ ގޮތުން ހަމަހަމަވެ، ފައިދާ ގޯލުގެ ތަފާތުންނެވެ. ދެ ޓީމަށް ވެސް ލިބިފައިވަނީ 62 ޕޮއިންޓެވެ. ނަމަވެސް ލިވަޕޫލަށްވުރެ ސިޓީގެ ފައިދާ ގޯލުގެ އަދަދު ގިނަ. މެޗުން ބަލިވި އެވަޓަން އޮތީ 33 ޕޮއިންޓާއެކު ނުވަވަނާގައެވެ.
ލަޕޯޓޭ އާއި ގަބްރިއަލް ޖެސޫން މި މެޗުގައި ގޯލު ޖެހިއިރު މެޗުގެ ފުރަތަމަ ލަނޑު ލަޕޯޓޭ ޖެހީ ފުރަތަމަ ހާފުގެ އިތުރުވަގުތުގައެވެ. ޖެސޫސް ގޯލް ޖެހި ފަހު ހާފުގެ އިތުރުވަގުތުގައއެވެ. މިހެންވެ އެވަޓަންގެ ކޯޗު މާކޯ ސިލްވާ ބުނީ ސިޓީ އަށް މި މެޗުން ތިން ޕޮއިންޓް ހައްގު ނޫން ކަމަށެވެ.
ސިލްވާ ބުނީ މި މެޗުގައި އެނާގެ ޓީމު ވަރަށް ރަގަޅަށް މަސައްކަތް ކުރިކަމަށާއި، އަދި ސިޓީ ފަދަ މޮޅު ޓީމަކާއި ދެކޮޅަށް ޑިފެންސްކުރި ގޮތަށް ކުޅެން ޕްރިމިއަރ ލީގުގެ ނުވަދިހަ ނުވަ އިންސައްތަ ޓީމުތަކުން މަސައްކަތް ކުރާނެކަމަށެވެ.
ނަމަވެސް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މެޗުން މޮޅުވުމުން އޭނާ ހިތްހަމަޖެހޭ ކަމަށެވެ. އޭނާ ބުނީ އެވަޓަން އަކީ އަބަދުވެސް އުނދަގޫ ޓީމެއް ކަމަށާއި ހާއްސަކޮށް އެމީހުންގެ ދަނޑުގައި އެއީ ބަލިކުރަން އުނދަގޫ ޓީމެއް ކަމަށެވެ. ގާޑިއޯލާ ބުނީ ފުރަތަމަ ހާފުގައި ކޮންމެވެސް ވަރަކަށް އޭނާގެ ޓީމަށް ކުޅެން ފުރުސަތު ލިބުނު ކަމަށާއި، ނަމަވެސް ދެވަނަ ހާފުގައި އެވަޓަން އިން ވަރަށް ބޮޑަ އުނދަގޫކުރި ކަމަށެވެ.
އޭނާ ބުނީ ޓޭބަލުގެ އެއްވަނަ ލިބުނަސް އެއީ ވަގުތީ ކަމަކަށް ވެދާނެ ކަމަށާއި އެއްވަނަ ލިބުމުގެ ހިތްހަމަޖެހުމެއް އޮތީ ލިވަޕޫލް ދެން ކުޅޭ މެޗުން އެ ޓީމަށް މޮޅުނުވެވިއްޖެނަމަ ކަމަށެވެ.