ކުޅިވަރު

ބޭލް ރެއާލް އަށް 100 ވަނަ ލަނޑު ޖަހައިދިން މެޗުން އެޓީމަށް މުހިއްމު މޮޅެއް


ގެރެތް ބޭލް ރެއާލް މެޑްރިޑަށް ޖަހައިދިން 100 ވަނަ ގޯލާއެކު ރެއާލް މެޑްރިޑް ވާދަވެރި އެތްލެޓިކޯ މެޑްރިޑް 3-1އިން ބަލިކޮށްފިއެވެ.

މި މެޗުގައި ރެއާލް އަށް ފުރަތަމަ ގޯލު ޖަހައިދިނީ ކަސެމީރޯއެވެ. ބޭލް ތިން ވަނަ ލަނޑު ޖެހުމުގެ ކުރިން ދެ ވަނަ ފަހަރަށް ރެއާލް އަށް ލީޑް ހޯދައިދިނީ ލިބުނު ޕެނަލްޓީ އަކުން ކެޕްޓަން ސާޖިއޯ ރާމޯސްއެވެ. އެތްލެޓިކޯގެ ލަނޑު ޖެހީ އެންޓޮއިން ގްރިއެޒްމަންއެވެ.

މި މޮޅާއެކު ރެއާލް އަށް ވަނީ ޓޭބަލުގެ ދެ ވަނަ މަގާމު ލިބިފައެވެ. މެޗުގެ ކުރިން ދެ ވަނަ މަގާމުގައި އޮތް އެތްލެޓިކޯ އަށް މިހާރު ލިބިފައިވަނީ ތިންވަނައެވެ. އެއީ 44 ޕޮއިންޓާއެކުގައެވެ. ރެއާލް އަށް ލިބިފައިވަނީ 45 ޕޮއިންޓެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ބޭލް ބުނީ ރެއާލް ފަދަ ކުލަބަކަށް 100 ގޯލު ޖަހައިދިނުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އޭނާ އުއްމީދު ކުރަނީ ކުރިމަގުގައި އިތުރު ގޯލުތަކެއް ޖަހައި ކުލަބުގެ ތާރީހުން ރަނގަޅު މަގާމެއް ހޯދުން ކަމަށެވެ.

ރެއާލްގެ ކޯޗު ސެންތިއާގޯ ސޮލާރީ ބުނީ އޭނާގެ ޓީމު މަޑުމަޑުން އަންނަނީ ރަނގަޅު ވަމުން ކަމަށާއި ޓީމުގެ ފޯމާއި ކުޅުންތެރިން މޯޓިވޭޝަން ސީޒަނުގެ ކުރީކޮޅު އޭނާ ޓީމާ ހަވާލުވިއިރުއޮތް ހާލަތަށްވުރެ ވަރަށް ބޮޑުތަން މިހާރު ރަނގަޅު ކުރެވިފައިވާ ކަމަށެވެ.