ކުޅިވަރު

ސަޕޯޓަރުން ބޭނުންވާ ފެންވަރުގައި ޓީމު ނުކުޅޭ: ޕީކޭ


ކުޅުންތެރިންނާއި ސަޕޯޓަރުން ވެސް ބޭނުންވާ ފެންވަރަށްވުރެ ބާސެލޯނާގެ ކުޅުން ދަށް ކަމަށާއި ޗެމްޕިއަންސް ލީގުގައި މިރޭ ލިއޯންއާ ދެކޮޅަށް މޮޅަށް ކުޅެން ޖެހޭ ކަމަށް ޑިފެންޑަރު ޖެރާޑް ޕީކޭ ބުނެފި އެވެ.

އޭނާ ބުނީ މެޗު ކޮންޓްރޯލްކޮށް އަވަސް ކުޅުމެއް ބާސެލޯނާއިން ދައްކަންޖެހޭ ކަމަށެވެ.
މި މެޗަށް ނުކުންނައިރު ބާސެލޯނާގެ ފްރާންސް ޑިފެންޑަރު ސެމިއުލް އުމްޓީޓީ ވަނީ ފިޓްވެފަ އެވެ. ނަމަވެސް ބެލްޖިއަމްގެ ޑިފެންޑަރު ތޯމަސް ވަމާލަން ފިޓެއްނޫނެވެ.

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ލިއޯން ބަލިނުވެ އޮތުމަކީ އޭނާގެ ޓީމު ޖެހުލުންވާނެ ކަމެއްނޫން ކަމަށެވެ.

މި މެޗަށް ނުކުންނައިރު ލިއޯންގެ ކެޕްޓަން ނަބީލް ފެކީރު ވަނީ ސަސްޕެންޑްވެފަ އެވެ. އަދި އެންމެ މުހިންމު ކުޅުންތެރިޔާ އެންޑޮމްބޭލޭ މުޅިން ފިޓެއްނޫނެވެ.

މިހެންވެ ލިއޯންގެ ކޯޗު ބުރޯނޯ ގެނެސިއޯ ބުނީ އޭނާގެ ޓީމު ވަރަށް ބެލެންސްކޮށް އަތުރާލަން މަޖުބޫރު ކަމަށާއި ބާސެލޯނާ ފަހަކަށް އައިސް ދައްކާ ކުޅުމަކީ އެ ޓީމު ބަލިކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކުޅުމެއް ކަމަށެވެ.

ނަމަވެސް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ހަތަރު ގޯލު ޖެހިފައިވުމަކީ މައްސަލައެއްނޫން ކަމަށް ބާސެލޯނާއިން ދެކެ އެވެ.