ރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރުފުރޭ މުނާސަބާއާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ފަންނާނުންގެ މިއުޒިކް ޝޯވް މިރޭ ބާއްވާނެއެވެ.ހޯމް މިނިސްޓްރީގެ ނައިބު އަދި އެޝޯވްގެ ޑިރެކްޓަރ މުހައްމަދު ހާނިމް ވިދާޅުވީ ޝޯވކުރިއަށްދާނީ މިރޭ ނުވަޔަކުން ބާރަ ޖަހަންދެން ކަމަށާއި، ޝޯވ ބޭއްވުމަށް ނިންމާފައިވަނީ ހެންވޭރު ދަނޑުގައި ކަމަށެވެ.މި ޝޯއަކީ އާންމުކޮށް ހުޅުވާލައިގެން އެންމެންނަށް ވަދެވޭގޮތަށް ކުރިއަށްގެންދާ ޝޯވްއެއްކަމަށް ހާނިމް ވިދާޅުވިއެވެ.ރާއްޖޭގެ ގިނަ ފަންނާނުންތަކެއްގެ ހުނަރުތަކާއި، ސަޕްރައިޒިން ބައެއް ކަންކަންވެސް ޝޯވްގައި ފެނިގެންދާނެކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.މީގެ އިތުރުން މާލޭގައި ބާއްވާ މިނިވަން ފަންސާހުގެ ރަސްމީ ހަރަކާތުގައި ރާއްޖޭގެ ކޮންމެ ރަށެއްގެ ހިއްސާ އޮތުމަކީ އެންމެ ބޮޑު އެއް މަގްސަދު ކަމުގައި، މިނިސްޓްރީގެ ނައިބު އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.ކޮންމެ އަތޮޅެއްގައި އެ އަތޮޅެއްގެ ހަރަކާތްތައް ފެނިގެންދާ ކުޅިވަރުގެ އީދުތަކެއް ބޭއްވުމަށްފަހު އެތަނުން އެންމެ ރަގަޅު ހަރަކާތްތައް މާލެ ގެންނަ ގޮތަށް ނިންމާފައިވާ ކަމަށާއި، މި މަހުގެ 21 ހާ ހަމައަށް ޕްރޮޕޯރސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އަބްދުއްﷲ މުހައްމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރަށްރަށުން ހުށަހަޅާ ޕްރޮޕޯޒަލް ތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯޒަލްތައް ހޮވުމަށްފަހު އެ ހަރަކާތްތައް ހިންގުމަށް ބޭނުންވާ ބަޖެޓް މިނިސްޓްރީން ދޭނެ ކަމަށާއި، ޕްރޮޕޯޒަލްތައް ފައިނަލް ކުރުމުގައި ބަލާނީ، ރާއްޖޭގެ ސަގާފަތާއި އާދަކާދަ އެ ހަރކާތުގައި ހިމެނޭ މިންވަރުގެ އިތުރުން އާދަޔާ ޚިލާފު ހުނަރުތައް ހިމެނޭ މިންވަރަށް ކަމަށެވެ.މިރޭ ބާއްވާ ޝޯއަކީ މިނިވަން 50 ހާ ގުޅުވައިގެން ބާއްވާ ހަރަކާތްތަކުގެ ތެރެއިން ފުރަތަމަ ހަރަކާތެވެ. މިޝޯވ ޓީވީ މޯލްޑިވްސްއިން ވަގުތުން ގެނެސްދޭނެއެވެ.