ޚަބަރު

ސްޕެނިޝް ސުޕަ ކަޕް ހަތަރު ޓީމުގެ މުބާރާތަކަށް ބަދަލުކުރަން މަޝްވަރާ ކުރަން ފަށައިފި


ސީޒަން ހުޅުވުމުގެ ގޮތުން ސްޕޭނުގައި ކުޅޭ ސްޕެނިޝް ސުޕަ ކަޕް ހަތަރު ޓީމުގެ މުބާރާތަކަށް ބަދަލު ކުރަން މަޝްވަރާތައް ފަށައިފިއެވެ.

މި ގޮތަށް ހަމަޖެއްސުމުން ސުޕަ ކަޕުގައި ވާދަކުރާނީ ސްޕެނިޝް ކަޕުގެ ޗެމްޕިއަނާއި ރަނަރަޕް ޓީމު އަދި ސްޕެނިޝް ލީގުގެ ގަދަ ދެ ޓީމެވެ. އާ މަޝްވަރާތަކުގައި ވާހަކަދައްކާފައިވަނީ އެކި ޤައުމުތަކުގައި މުބާރާތް ކުޅޭށެވެ.

ސުޕަ ކަޕް މިހާތަނަށް ބާއްވަމުން އައީ ސްޕެނިޝް ކަޕުގެ ޗެމްޕިއަނާއި ސްޕެނިޝް ލީގުގެ ޗެމްޕިއަން ވާދަކުރާ މެޗެއްގެ ގޮތުގައެވެ. ކުރިން ދެ ލެގަށް ކުޅުނު ނަމަވެސް މި އަހަރު ކުޅެފައިވަނީ އެންމެ މެޗަކުން ނަތީޖާ ނެރޭ ގޮތަށެވެ.

އަދި މިދިޔަ އަހަރުން ފެށިގެން މެޗު ކުޅެން ނިންމާފައިވަނީ ވެސް ގައުމުން ބޭރުގައެވެ. މި ގޮތުން އެންމެ ފަހުގެ ސުޕަ ކަޕް މެޗު ބާސެލޯނާ އާއި ސެވިއްޔާ ކުޅުނީ މޮރޮކޯގައިކަން ފާހަގަކޮށްލެވެއެވެ.