މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު ޔަސްފާދު ހަބީބު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް މި ސީޒަނުގައި ކުޅެން ސޮއިކޮށްފިއެވެ.
ފުރަތަމަ ޑިވިޝަނުން އެންމެ ފުރަތަމަ 2013 ވަނަ އަހަރު ކްލަބް އީގަލްސްއިން ފެނުނު ޔަސްފާދު ހަބީބު ދަ ގްރާންޑޭއަށް ކުޅެން ސޮއިކުރިއިރު، ނިއުރޭޑިއަންޓްގެ މުޙައްމަދު ރަޝީދު ވެސް ވަނީ އެ ކްލަބަށް ކުޅެން ސޮއިކޮށްފައެވެ. އަދި މިދިޔަ ސީޒަނުގައި މާޒިޔާއަށް ކޯޗަކަށްހުރި އިސްމާއިލް މަހޫފުޒްވެސް މި ސީޒަނުގައި ކޯޗުކަންކޮށްދެނީ މި އަހަރު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ދަ ގްރާންޑޭ އިންނެވެ.
ޔަސްފާދު ހަބީބު 2016 ވަނަ އަހަރުން ފެށިގެން ފެނުނީ މާޒިޔާ ޓީމުންނެވެ. މ. މުލަކަށް އުފަން މި ކުޅުންތެރިޔާ ވަނީ މާޒިޔާގައި ހޭދަކުރި ތިން އަހަރު އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކައިފައެވެ.
ރާއްޖޭގެ ސީނިއާ ގައުމީ ސްކޮޑުން ވެސް މީގެ ކުރިން ޖާގަ ހޯދި ޔަސްފާދު ވަނީ މާޒިޔާ އާއެކު 2016 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގާއި 2017 ވަނަ އަހަރުގެ މާލޭ ލީގު ކާމިޔާބުކޮށްފައެވެ. އަދި، 2016 އަދި 2017 ވަނަ އަހަރުގެ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑްވެސް މާޒިޔާ އާއެކު މުލަކޭ ވަނީ އުފުލާލައިފައެވެ.
ޖޫން މަހު ފަށާ އާ ސީޒަނަށް ޔަސްފާދު ދަ ގްރާންޑޭ އަށް ސޮއިކުރިއިރު އެ ކްލަބުން ދަނީ ތަޖުރިބާހުރި ގިނަ ކުޅުންތެރިތަކެއްގެ ސޮއިހޯދުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން މާޒިޔާގެ އަހުމަދު އިމާޒުވެސް މިފެށޭ ސީޒަނުގައި ފެނުން އެންމެ ގަތީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުންނެވެ.