ޗެލްސީގެ ކީޕަރު ބަދަލު ކުރަން އޭނާ އުޅުމުގެ ތެރޭގައި އަރާފައިވަނީ ވަރަށް ބޮޑު އޮޅުމެއް ކަމަށް ކޯޗު މައުރީސިއޯ ސަރީ ބުނެފިއެވެ.
އޭނާ މިހެން ބުނީ ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލަގާ ބާލައި ބަދަލު ކީޕަރު ކަބަޔޭރޯ އަރުވަން އުޅުމުން ކެޕާ ދަނޑުން ނުފައިބަން ގަދަދެއްކި މައްސަލާގައި ވާހަކަ ދައްކަމުންނެވެ.
ސްރީ ބުނީ ތިން މިނިޓަށް ދެމިގެންދިޔަ މި ހިތްހަމަނުޖެހުމުގެ އަސްލަކީ ކީޕަރުގެ ހާލަތު އޭނާ އަށް އެވަގުތރު ނޭގުން ކަމަށެވެ. އަދި އެކަން މުޅިން އޮޅުންފިލީ ކެޕާ އަށް ފަރުވާދޭން ދަނޑަށް އެރި މެޑިކަލް އޮފިސަރު ބެންޗަށް އައިސް ކަންވީ ގޮތް އޮޅުން ފިލުވައިދިނުމުން ކަމަށެވެ.
ކެޕާ ދަނޑުން ފައިބަން ދެކޮޅު ހެދުމުން ސަރީ ވަނީ ރުޅި އިސްކޮށް ފެންފުޅިއެއް ބިންމައްޗަށް ޖަހާލުމަށްފަހު ދަނޑުން ވެސް ނުކުމެންގޮސްފައެވެ. ނަމަވެސް ފަހުން އޭނާ އަލުން ބެންޗަށް އައެވެ.
އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި ރޭ ޗެލްސީ ބަލިވީ ޕެނަލްޓީ ޖަހައިގެން މެންޗެސްޓާ ސިޓީ އަތުންނެވެ. މި މެޗުގައި ކެޕާ އާއި ކޯޗާ ދެމެދު ހިނގި ކަންކަމަށް އިޝާރާތްކޮށް ޗެލްސީގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ ބުނީ ސަރީ މަސައްކަތް ކޮށްފައިވަނީ މެޗަށް ފަހު ކުޅުންތެރިން ހިމާޔަތްކުރަން ކަމަށާއި އެކަމާ އުފާކުރާ ކަމަށެވެ.
ޗެލްސީ އަށް ފަހަކަށް އައިސް ދިމާވަމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން ކޯޗާއި ކުޅުންތެރިންނާ ދެމެދު ވަނީ ވަރަށް ބޮޑު ހިތްހަމަނުޖެހުންތަކެއް އުފެދިފައެވެ.