ޚަބަރު

ފިރްމީނޯގެ އަނިޔާ ސީރިއަސްއެއް ނޫން - ކްލޮޕް


ރޮބާޓޯ ފިރްމީނޯގެ އަނިޔާ ސީރިއަސް ނޫންކަމަށާއި ވަޓްފޯޑާ ވާދަކުރާ މެޗުން އޭނާއަށް ފުރުސަތު ލިބުން ގާތް ކަމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ.

ޕްރިމިއަރ ލީގްގައި އާދީއްތަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑާ އެއްވަރު ވި މެޗްގައި އަނިޔާވި ފިރްމީނޯ އާ ގުޅޭގޮތުން ކްލޮޕް ބުނީ ފިރްމީނޯއަށް ނުކުޅެވޭނަމަ އެއީ ޓީމަށް ލިބޭ ދެރައެއްކަމަށެވެ. އަދި އާދިއްތަ ދުވަހުގެ މެޗަށްފަހު އެހާގާތުގައި ކުޅުމަކީ ކުޅުންތެރިޔާއަށް އެންމެ ރަނގަޅުގޮތްކަމަށް އޭނާއަށް ނުފެންނަނަމަ ނޭރުވުން އެކަށީގެންވާކަމަށް ކްލޮޕް ބުންޏެވެ.

ނަމަވެސް ފިރްމީނޯއަކީ ރިކަވަރީ އަވަސް ކުޅުންތެރިއެއް ކަމަށާއި މެޗުން އޭނާ ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ކްލޮޕް ބުންޏެވެ. ފިރްމީނޯގެ ބަދަލުގައި އާ މޫނެއް އެރުވުން ގާތްތޯ ކުރި ސުވާލަށް ކްލޮޕް ބުނީ ބަދަލުގައި އެރުވޭ ފެންވަރުގެ ކުޅުންތެރިން ލިވަޕޫލްގައި އެބަތިބިކަމަށެވެ.

ވަޓްފޯޑާ ދެކޮޅަށް ނުކުންނަ މެޗާ ގުޅޭގޮތުން ކްލޮޕް ބުނީ، ވަޓްފޯޑަކީ ތަފާތު ސްޓައިލަކަށް ކުޅޭ ޓީމަކަށް ވުމާއެކު މެޗް ފަސޭހަ ނުވާނެ ކަމަށެވެ. އަދި ބޯޅަ ހިފަހައްޓައިގެން ކުޅުމަށްވުރެ ބޮޑަށް ވަޓްފޯޑް ކުޅަދާނައީ ކައުންޓަރ އެޓޭކްތަކަށާއި ސެޓްޕީސްތަކަށް ކަމަށާއި ލިވަޕޫލުން ކޮންމެ ވަގުތެއްގައިވެސް ތިބެން ޖެހޭނީ ސަމާލުވެކަމަށެވެ.

ވަޓްފޯޑުންވަނީ އެމީހުން މި ފަހުން ޕްރިމިއަރ ލީގްގައި ކުޅުނު ތިން މެޗްވެސް ކާމިޔާބުކޮށްފައެވެ.