މި އަހަރުގެ ޖޫން މަހު ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އާޖެންޓިނާ އަށް ކެޕްޓަން ލަޔޮނަލް މެސީ ކުޅޭނެ ކަމަށް އެ ގައުމުން ބުނެފިއެވެ.
ކޯޗު ލިއޮނެލް ސްކެލޯނީ މިހެން ބުނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑް އަދަދަކަށް ހޯދާފައިވާ ފޯވަޑްގެ ގައުމީ ޓީމުގެ މުސްތަގްބަލާމެދު ސުވާލު ކުރުމުންނެވެ. މިދިޔަ އަހަރުގެ ޖޫން މަހަށް ފަހު މެސީ ގައުމީ ޓީމަށް އެނބުރި އައީ މިހަފުތާގައެވެ.
ނަމަވެސް އޭނާ އަށް ގައުމީ ޓީމު މާބޮޑަށް ބަރޯސާ ވާތީ އާއި ގައުމީ ޓީމުގެ ކަންތައްތައް ކުރިއެރުވަން މަސައްކަތް ނުކުރާތީވެ މެސީ ދޭތެރެދޭތެރެއިން އާޖެންޓީނާގެ ފެޑަރޭޝަނާމެދު ހިތްހަމަނުޖެހުން އަންނަނީ ފާޅުކުރަމުންނެވެ.
ކޯޗު ބުނީ ކުރިމަގުގައި 32 އަހަރުގެ ފޯވަޑަށް ގައުމީ ޓީމު ޑިޕެންޑްވުން ކުޑަކުރަން ދެ ފަރާތުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.
އަދި އަށް މަހާއި ބަޔަށް ފަހު މެސީ އެނބުރި ގައުމީ ޓީމަށް ކުޅުމަކީ އޭނާ ގައުމީ ޓީމުން ފެނިގެންދާނެ ކަމުގެ ހެއްކެއް ކަމަށެވެ. ނަމަވެސް ބާސެލޯނާގައި ހޯދާ ކާމިޔާބީ އާއި ދައްކާ ކުޅުން ގައުމީ ޓީމުގައި ނުދެއްކޭތީވެ މެސީ އަށް އަބަދުވެސް ފާޑުކިއުން އަމާޒުވާކަން ފާހަގަކޮށްލެވެއެވެ.