ނިއުކާސަލް 2-0އިން ބަލިކޮށް އިނގިރޭސި ޕްރިމިއަރ ލީގުގެ ތިން ވަނައަށް އާސެނަލް ޖެހިލައިފިއެވެ.
އަރޮން ރަމްސޭ އާއި އެލެގްޒެންޑަރ ލަކަޒޭގެ ލަނޑުން މޮޅުވެ އާސެނަލް ތިން ވަނަ އަށް އެރުމުން ލީގުގެ ގަދަ ހަތަރެއްގެ ވާދަވެރިކަން މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ.
އާސެނަލް ތިން ވަނާގައިވަނީ 63 ޕޮއިންޓާއެކުގައެވެ. ހަތަރު ވަނާގައި ޓޮޓެންހަމް އޮތީ ފަސް ވަނާގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ 61 ޕޮއިންޓުން ހަމަހަމަވެ ގޯލުގެ ތަފާތުންނެވެ. ހަ ވަނާގައި ޗެލްސީ އޮތީ 60 ޕޮއިންޓާއެކުގައެވެ.
ލީގުގައި ކޮންމެ ޓީމަކަށް ބާކީ ހަ މެޗު އޮތްއިރު އާސެނަލް ނިސްބަތުން ހުރީ އެހެން ޓީމުތަކަށްވުރެ ފަސޭހަ މެޗުތަކެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ރޭގެ މެޗަށް ފަހު ކޯޗު އުނާއީ އެމެރޭ ބުނީ އޭނާގެ ކުޅުންތެރިންގެ ތެރެއިން ރަމްސޭ އަށް ލިބުނު ހާނިއްކަ ސީރިއަސްނޫން ކަމަށާއި އެކަމާއި އުފާ ކުރާ ކަމަށެވެ.
މެދުތެރެއިން މެސުޓް އޮޒިލް ކުޅެމުންދަނީ އޭނާ ބޭނުންވާ ގޮތަށް ކަމަށާއި ޓީމުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި އޮޒިލް ބަހައްޓަން ބޭނުންވާ ކަމަށް އެމެރީ ބުންޏެވެ. އޭނާ ބުނީ ގަދަ ހަތަރަކަށް އެރުމަށް ރަށުން ބޭރުގައި ކުޅެން ޖެހޭ މެޗު ގިނަވުމަކީ ވަރަށް ވިސްނަން ޖެހޭނެކަމެއްކަމަށާއި، އެކަމަށް ތައްޔާރުވާނެކަމަށެވެ.