މައްސަލަ ދިމާވެފައިވާ ނެއްލައިދޫގެ ޖަނަރޭޓަރތައް އޯވަހޯލް ކުރުމަށްޓަކައި އެރަށަށް ފެނަކައިގެ ޓީމެއް މިހާރު ގޮސްފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން ބުނީ އޯވަހޯލް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެ ޖަނަރޭޓަރުތަކުން ކަރަންޓު ކަނޑާލަން ޖެހޭ ކަމަށާއި އެހެންކަމުން ރަށަށް ކަރަންޓު ދިނުމަށްޓަކައި އެރަށުގައި ހުރި 80 ކިލޯވޯޓުގެ ޖަނަރޭޓަރު ގުޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ބުނީ މައްސަލަ ދިމާވެފައިވާ ޖަނަރޭޓަރ އޯވަހޯލް ކުރަން ފަށާނީ ރަށަށް ކަރަންޓު ދިނުމަށްޓަކައި ހުރި ޖަނަރޭޓަރު ގުޅާ ނިމުމުން ކަމަށެވެ. ފެނަކައިން ބުނީ ނެއްލައިދޫގައި ކަރަންޓު ދިނުމަށް ބޭނުން ކުރަމުންދިޔަ ދެ ޖަނަރޭޓަރު އޯވަހޯލް ކުރުމަށް 10 ވަރަކަށް ދުވަސް ނަގާނެ ކަމަށެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ ޖަނަރޭޓަރު އޯވަހޯލް ކުރުމުގެ މަސައްކަތުގެ އިތުރުން ނެއްލައިދޫގައި ކަރަންޓު ފޯރު ކޮށްދިނުމުގައި އެހެން މައްސަލަތަކެއްވެސް ދިމާވަމުންދާ ކަމަށެވެ. އެހެންކަމުން އެކަންކަން ޙައްލުކޮށް ނެއްލައިދޫ ކަރަންޓުގެ މައްސަލައަށް ދާޢިމީ ޙައްލެއް ގެނެވޭނެ ސީދާ ދުވަހެއް ބުނަން ނޭނގޭ ކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން ބުނީ ހދ. ނެއްލައިދޫގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި މިދިޔަ މަހު ފަހުކޮޅުވެސް އެ ރަށަށް 120 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ގެންގޮސް އިންސްޓޯލްކޮށްފައިވާކަމަށެވެ.
ނެއްލައިދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށް ފެނަކައިން މަސައްކަތް ކުރަމުންދާއިރު އިއްޔެ ނެއްލައިދޫ އިންޖީނުގެއަށް ބަޔަކު ވަދެ ޖަނަރޭޓަރު ސެޓުތަކުން ވަނީ ކަރަންޓު ކަނޑާލައިފައެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ ބަޔަކު ނެއްލައިދޫ ރައްޔިތުންތަކެއް އެރަށު އިންޖީނުގޭގެ ކޮންޓްރޯލް ރޫމް ދޮރުފަތް ހަލާކުކޮށްލާ އެތަނުގައި ހުރި ތިން ޖަނަރޭޓަރ ސެޓް ނިއްވާލާއި މުޅިރަށުން ކަރަންޓު ކަނޑާލިކަމަށެވެ. އަދި މުވައްޒަފުންނަށް ބިރުދައްކައި ނުނިކުމެވޭނެ ގޮތަށް ދޮރުތައްވެސް ބަންދުކުރިކަމަށްވެސް ފެނަކައިގެ ބަޔާނުގައިވެއެވެ.
ނެއްލައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ނާޒިމް ވިދާޅުވީ އިއްޔެ މުޒާހަރާގެ ބައިވެރިން ތަންދޫކޮއް ދިޔައީ ރައީސް އޮފީހުން ގުޅުއްވާ އެމައްސަލަ ހައްލުކޮއްދެއްވާނެކަމަށް ވިދާޅުވުމުން ކަމަށެވެ.
އިއްޔެހަވީރު ނެއްލައިދޫއަށް ކަރަންޓް ދޫކޮއްފައިވަނިކޮށް ރޭ އިޝާނަމާދުވަގުތު އަނެއްކަވެސް ވަނީ މުޅިރަށުން ކަރަންޓް ކެނޑިފައެވެ. އެރަށުގެ ފެނަކަ އޮފީހުން މައުލޫމާތު ދިން ގޮތުގައި އެގަޑީގައި ކަރަންޓް ދިޔައީ މަގުމަތީގައި ވަޅުލާފައިވާ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެކޭބަލްގެ މައްސަލަ ހައްލުކޮށް ރަށަށް ކަރަންޓް ދެވުނީ ރޭ ފަތިހު 4ގެ ފަހުންނެވެ.