ޚަބަރު

ފައިނަލް މެޗަށް ނިކުތީ ތަފާތު ޕްލޭނަކާއި އެކު - ސައީދު


މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ އަށާރަ އަހަރުން ދަށުގެ ފައިނަލަށް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ނުކުތީ ތަފާތު ޕްލޭނަކާއި އެކު ކަމަށާއި، މުޅި މެޗުގައިވެސް ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ އެ ޕްލޭނާއި އެގޮތަށް ކުޅުނު މަންޒަރުކަމަށް ވިލާގެ ކޯޗު އިބްރާހިމް ސައީދު ބުނެފިއެވެ.

ދޭއް ސުމަކުން ސީއެޗްއެސްއީ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށްފަހު މީޑިއާއަށް މައުލޫމާތު ދެމުން ސައީދު ބުނީ ލީގު ބުރުގައި ސީއެޗްއެސްއީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ޓީމު އެކުލަވާލި ގޮތާއި ފައިނަލް މެޗަށް ޓީމު އެކުލަވާލިގޮތް ވަރަށް ތަފާތު ވާނެކަމަށެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވިލާއިން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް ދެވަނަ ހާފު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހަތްޓައިގެން ކުޅުނީ ސީއެޗްއެސްއީއެވެ. އަދި ވިލާގެ ގޯލާ އަމާޒުކޮށް ފޮނުވާލި ގިނަ ހަމާތަލަށް ކީޕަރު ވަނީ ދިފާއުކޮށްފައެވެ. ސައީދު ބުނީ ދެވަނަ ހާފުގައި ސީއެޗްއެސްއީން އެޓީމުގެ ކުޅުން ރަނގަޅުކޮށް ވިލާގެ ގޯލަށް ނުރައްކާކުރިކަމަށެވެ.

"ފައިނަލް މެޗަށް ނުކުތުމުގެ ކުރިން ކުޅުންތެރިންނަށް ވަރަށް ރަނގަޅަށް ކިޔާދިނިން މިއީ ކިހާ ވަރެއްގެ މެޗެއްކަން. ތަފާތު ޕްލޭނަކާއެކު މި މެޗަށް ނުކުތީ. ހުރިހާ އެންމެ އެކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާ މިއީ. ދެން ދެވަނަ ހާފުގެ ކުރީކޮޅުގައި ސީއެޗްއެސްއީން ރަނގަޅަށް ކުޅުނުތަން ފެނިގެންދިޔަ". އިބްރާހިމް ސައީދު ބުންޏެވެ.

މެޗަށްފަހު ސީއެޗްއެސްއީގެ ކޯޗު އަހުމަދު ސުޒެއިރު ބުނީ، ފައިނަލް މެޗު ނިންމާލެވުނީ ސީއެޗްއެސްއީގެ ފެންވަރުގައި ނޫންކަމަށާއި މިއަށްވުރެއް ރަނގަޅަށް އެ ކުޅުންތެރިނަށް މެޗުގައި ކުޅެވޭނެކަމަށެވެ. ސުޒައިރު ބުނީ ސީއެޗްއެސްއީގައި ތިބި ކުޅުންތެރިންނާއި އަޅާބަލާއިރު ވިލާގައި ތިބި ކުޅުންތެރިންގެ ފެންވަރު ރަނގަޅުކަމަށެވެ. އެހެންނަމަވެސް ހުނަރު ހުރި ކުދިން ސީއެޗްއެސްއީގައި އެބަތިބި ކަމަށާއި ދެ އަހަރު ދުވަހު ރަނގަޅު ތަމްރީނެއް މި ކުދިންނަށް ދެވިއްޖެނަމަ، ދެ އަހަރުން ފަހުން ފުރަތަމަ ޑިވިޝަންގައި މި ކުދިން ކުޅޭތަން ފެންނާނެކަމަށެވެ.

"އަސްލު ފައިނަލް މެޗެއްގައި ސީއެޗްއެސްއީގެ ފަރާތުން ފެންނަން ޖެހޭ ވަރުގެ ކުޅުމެއް ނޫން މި މެޗުން ފެނިގެން މިިދިޔައީކީ. މިއަށްވުރެއް ރަނގަޅަށް މި ކުޅުންތެރިންނަށް ކުޅެވޭނެ ހަގީގަތުގައި. ދެން އަޅުގަނޑުމެންނާއި ދެކޮޅަށް ނުކުތް ވިލާގައި އެބަތިބި މިޓީމުގަައި ތިބި ކުޅުންތެރިންނަށްވުރެއް ރަނގަޅު ކުދިން". ސުޒަައިރު ބުންޏެވެ.

އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިލާ ހޯދީ ލީގު ބުރުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އަދި ސީއެޗްއެސްއީ ފައިނަލަށް ދަތުރުކުރީވެސް ލީގު ބުރުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެކަން ފާހަނގަކޮށްލެވެއެވެ.