ޚަބަރު

ނަޕޯލީއަށް އަދިވެސް ބޮޑު ފުރުސަތު އެބައޮތް



ޔޫރޮޕާ ލީގްގެ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގް ކާމިޔާބުކުރެވުނަސް ނަޕޯލީއަށް އަދިވެސް ފަންސާސް އިންސައްތަ ފުރުސަތު އެބައޮތް ކަމަށް އާސެނަލްގެ ކޯޗް އުނެ އެމެރީ ބުނެފިއެވެ.

އާސެނަލް ވަނީ ރޭ ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގައި ނަޕޯލީއާ ވާދަކޮށް 2 ލަނޑު ސުން ލަނޑުން މެޗް ކާމިޔާބުކޮށް، ޔޫރޮޕާ ލީގްގެ ސެމީ ފައިނަލަށް ދިޔުމުގެ ފުރުސަތު ބޮޑުކޮށްފައެވެ. މެޗްގެ ކުރީކޮޅު އާސެނަލަށް ލީޑް ނަގައިދިނީ އާރޮން ރަމްސޭއެވެ. އާސެނަލްގެ ދެ ވަނަ ލަނޑަކީ މެޗްގެ ފަންސަވީސް ވަނަ މިނެޓްގައި ނަޕޯލީގެ ކޫލިބަލީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

އެމެރީ ބުނީ ކުޅެވުނީ ތަފާތު ދެ ހާފް ކަމަށާއި ފުރަތަމަ ހާފް އުނދަގޫ ނުވި ނަމަވެސް ދެވަނަ ހާފްގައި ނަޕޯލީއިން ކުޅުން ވަރުގަދަކޮށް ކުޅުނު ކަމަށެވެ. ނަމަވެސް އާސެނަލުން ސަމާލުވެ ގިނަ ހަމަލާތަކެއް އުފެއްދި ކަން އެމްރީ ފާހަގަކުރިއެވެ.

ކޯޗް އެމެރީ ބުނީ ދެވަނަ ލެގްގައި ނަޕޯލީގެ ދަނޑުގައި ކުޅޭ މެޗް ފަސޭހަ ނުވާނެ ކަމަށާއި ހުރިހާ ކުޅުންތެރިންގެ ސަމާލުކަން އެ މެޗަށް ބެހެއްޓުން މުހިންމުކަމަށެވެ. ހަމައެއާއެކު ހޯމަދުވަހު ޕްރިމިއަރ ލީގްގައި ވޮޓްފޯޑާ ވާދަކުރާ މެޗް ކާމިޔާބުކޮށްގެން ޕްރިމިއަރ ލީގް ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު އާސެނަލްއަށް އޮތްއިރު އެ މެޗަށްވެސް ވިސްނުން ބަހައްޓަން ޖެހޭކަން އެމްރީ ފާހަގަކުރިއެވެ.