19 ވަނަ ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމާއެކު މިހާރު އެންމެ ފޯރީގައި ދެކެވޭ އެއް ވާހަކައަކީ މަޖިލީހުގެ ސާފު އަޣްލަބިއްޔަތު އެމްޑީޕަށް ލިބިފައިވާއިރު، 19 ވަނަ މަޖިލީހުގެ ރިޔާސަތަށް އަންނާނެ ބޭފުޅަކާ މެދު ކުރެވޭ ބަހުސްތަކެވެ.
މަޖިލިސް އިންތިޚާބު ނިމި އާ މަޖިލިސް އަންނަ މަހުގެ 28 ގައި ހުވާކުރަން ތައްޔާރުވަމުން އަންނައިރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރޭހުގައި ވާދަކުރާނެކަމަށް ބެލެވޭ ބައެއް މެމްބަރުންގެ ނަންތައް ތިލަވެ އެބޭފުޅުންނަށް ތައީދުކުރައްވާ ފަރާތްތަކުން އެ ނަންތަކަށް ލޮބީކޮށް ތާއީދު އޮތްކަން ދެއްކުމުގެ ކެމްޕެއިންވެސް މިހާ ވަނީ ޝޯޝަލް މީޑިއާގައި ފަށާފައެވެ. ކޮންމެ އަކަސް ގިނަ ބަޔަކު ޤަބޫލުކުރަނީ 85 ގޮނޑިއާއެކު މަޖިލީހުގެ ރިޔާސަތުގައި މި ފަހަރު އިންނަވާނީ އެމްޑީޕީގެ ނިސްބަތްވާ މެމްބަރެއްކަމެވެ. ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން މަޖިލީހުގެ ރައީސްކަމަށް ވަޑައިގަންނަވާ ބޭފުޅަކީ ހިދުމަތްތެރި ތަޖުރިބާ ހުރި ބޭފުޅަކަށް ވާންޖެހެއެވެ.
މަޖިލީހުގެ ރިޔާސަތައް އަތުވެދާނެކަމަށް މިހާރު އިވެމުންދާ ނަންތަކަކީ ވިލިފުށި ދާއިރާގެ މެމްބަރު ހަސަން އަފީފާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ނަމެވެ. އަދި މި ރޭހުގައި ވާދަކުރައްވަނެކަން ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުވެސް ވަނީ އިއުލާންކުރައްވާފައެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ސިޔާސީ މައިދާނުގައި އެންމެ ތަޖުރިބާ ހުރި އެއް ބޭފުޅަކަށް އަފީފް ވެވަޑައިގަންނަވާނެއެވެ. އަދި 19 ވަނަ ރައްޔިތުން މަޖިލީހުން ފެންނާނެ މޫނުތަކަށް ބަލާއިރު ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައިވެސް އެންމެ ބައިވެރިވުން ބޮޑު ބޭފުޅަކަށް ވެޑައިގަންނަވާނީ ވެސް އަފީފެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަންވެސް ކުރެއްވި އަފީފަކީ 2001 ވަނަ އަހަރު އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި 42 ބޭފުޅުންގެ ތެރެއިން އެކެކެވެ. އަދި ރާއްޖޭގައި ސިޔާސީ މިނިވަންކަން ނެތް ދުވަސްވަރު ސަރުކާރާއި ދެކޮޅަށް ފާޅުގައި ވާހަކަދެއްކަވަމުން ގެންދެވި މަދު ބޭފުޅޫންގެ ތެރޭގައި އަފީފްގެ ނަން ހިމެނެއެވެ.
އަފީފް ސިޔާސީ މަސައްކަތުގެ ތެރެއަށް ވެންނެވީ 1990 ވަނަ އަހަރު ތ.އަތޮޅު މަޖިލިސް މެމްބަރުކަމާއި ހަމައިންނެވެ. އޭގެ ފަހުން ވިހި އަހަރު ވަންދެން ކޮޅުމަޑުލު ގޮނޑި އަފީފް ތަމްސީލު ރައްވާފައިވެއެވެ. މި ދައުރު ފުރިހަމަ ކުރެއްވުމުން އަފީފުވެސް ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފަދައިން މަޖިލީހުގައި ފަންސަވީސް އަހަރު ހޭދަކުރެއްވި މެމްބަރަކެށެވެ.
އަފީފަކީ ރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދަން ފެނޭތޯ ރައްޔިތުންގެ މަޖިލީހުގައި އެންމެ ފުރަތަމަ ނެގި ވޯޓްގައި ސީޔާސީ ޕާޓީ އުފައްދަން ފެންނަކަމަށް ވޯޓް ދިން 5 މެމްބަރުންގެ ތެރެއިން އެއް ބޭފުޅެކެވެ. ނޫ ޤާނޫނު އަސާސީ އިސްލާހުކުރި ދުވަސްވަރާއި މިހާރު އަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީ އެކުލަވާލި ދުވަސްވަރުވެސް ރައްޔިތުންގެ މަޖްލީހުގެ ޚާއްސަ މެންބަރުކަން ކުރެއްވި އަފީފަކީ ޤާނޫނު އަސާސީ ޑްރާފްޓްކުރި ކޮމެޓީގައިވެސް ހިމެނި ވަޑައިގެން ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
މީގެއިތުރުން މިހާރު އަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީގެ ދަށުން އެކުލަވާލި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުކަންވެސް އަފީފު ކުރައްވާފައިވެއެވެ. އަފީފުގެ ތައުލީމީ ހަޔާތް މަޖީދިއްޔާ ސްކޫލުން ފައްޓަވާ މަތީ ތައުލީމަށް ކިޔާވާ ވިދާޅުވީ އިރާނުގެ ޕަހެލަވީ ޔުނިވަރސިޓީންނެވެ. ޓުއަރިޒަމް ވިޔަފާރީގައިވެސް މަސައްކަތްކުރައްވާ އަފީފް ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ޑިގްރީވެސް ހާސިލުކުރައްވާފައެވެ.
19 ވަނަ ރައްޔިތުން މަޖިލީހަށް ހޮވި ވަޑައިގެންނެވި ބޭފުޅުން ތެރެއިން އަސްލަމަކީވެސް ސިޔާސީ މައިދާނުގައި ފުންނާބު އުސް ނަން ހިނގާ ބޭފުޅެކެވެ. އަދި ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްވެސްމެއެވެ.
އަސްލަމްގެ ސިޔާސީ މަސައްކަތް ފެށިގެން އައީ 2005 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެންމެ ގިނަ ވޯޓާއެކު ގޮނޑި ކާމިޔާބުކުރެއްވި ހިސާބުންނެވެ. އަސްލަމަކީ އޭރު މަޖިލީހުގެ ގޮނޑި ކާމިޔާބުކުރި އެންމެ ޒުވާން މެންބަރުވެސްމެއެވެ.
2005 ވަނަ އަހަރު މަޖިލީހާއި ގުޅިވަޑައިގެން އަސްލަމް ވަނީ ވޭތުވެދިޔަ ދެ ދައުރުވެސް މަޖިލިސް ގޮނޑި ފަސޭހަކަމާއެކު ކާމިޔާބުކުރައްވާ މަޖިލީހުގައި 10 އަހަރު ދުވަހު މަސައްކަތްކުރައްވާފައެވެ. އަދި މިފެށޭ އާ ދައުރާއެކު އެ މަޤާމުގައި 15 އަހަރު ހަމަކުރައްވަން ތައްޔާރުވަމުން ގެންދަވާ އަސްލަމަކީ މި ހިންގާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ އެމްޑީޕީގެ ޕާލިމެންޓްރ ގްރޫޕްގެ ލީޑަރުވެސް މެއެވެ.
އަސްލަމަކީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު ބައިވެރިވެޑައިގަންނަވާކަން އިއުލާންކުރެއްވި ދުއްވަސްވަރު އެމަނިކުފާނުގެ ކެމްޕެއިން މެނޭޖަރަކަށްވެސް ހުންނެވީ އަސްލަމްއެވެ. އަދި މަޖިލީހުގެ މި ނިމިގެންދާ ދައުރުގައި އެންމެ އަޑުގަދަ ބޭފުޅުންގެ ތެރޭގައިވެސް އަސްލަމްގެ ނަން ހިމެނިގެންދާނެއެވެ. މީގެއިތުރުން ނިމިގެންމިދާ ރައްޔިތުންގެ މަޖިލީހުގެ 18 ވަނަ ދައުރުގައި އޭރުގެ މަޖިލިސް ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގަން މަޖިލީހަށް ވަތް މައްސަލާގައި ޤާނޫނީ ވާޖިބު އަދާކުރަން ހުރި މުވައްޒަފަކަށް ހުރަސްއެޅިކަމަށް ބުނެ ދައުލަތުން ދައުވާ އުފުލި 12 މެމްބަރުންގެ ތެރޭގައިވެސް އަސްލަމް ހިމެނިވަޑައިގަންނަވައެވެ.
މުޙައްމަދު އަސްލަމީ ކިޔަވާދިނުމާއި މެނޭޖްމަންޓްގެ ރޮގުން މާސްޓާރސް ނަންގަވާފައިވާ ބޭފުޅެކެވެ. އައްޑޫ ސިޓީގެ ރައްޔިތުންނަށް އަސްލަމް އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ސްކޫލްތަކުގައި ކިޔެވުމަށް އެންމެ އެކަށޭނެ ފުރުސަތު ނުލިބިތިބި ދަރިވަރުންނަށް ތަޢުލީމު ހާސިލުކޮށްދިނުމަށް އެނާ ފެއްޓެވި ބުރަ މަސައްކަތުންނެވެ. އައްޑޫ ކޮމްޕްރިހެންސިވް ނަމުގައި ސްކޫލެއް އުފައްދަވާ އެ ސްކުލޫން ވަނީ އެތައް ދަރިވަރުންނަށް ތަޢުލީމި ހަޔާތް ފުރިހަމަކުރުމަށްފަހު މުޖްތަމައު ނެރެދިނުމުގެ ބުރަ މަސްއޫލިއްޔަތު އަސްލަމް ވަނީ އަދާކުރައްވާފައެވެ. މީގެއިތުރުން އަސްލަމްވަނީ އައްޑޫގެ ރަށްކުރިއަރުވާ ކޮމެޓީއާއި އަތޮޅު ކޮމެޓީގައިވެސް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.
މި ފަހަރުގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ތެރެއިން އެންމެ ގިނަ ބައެއްގެ ނަޒަރު ހުއްޓި އަދި ޝޯޝަލް މީޑިއާގައި އިންތިޚާބުގެ ދުވަސްވަރު ރަސްކަންކުރި ޢަބްދުﷲ ޖާބިރަކީ ރާއްޖޭގެ ވިޔަފާރި ވެރިންގެ ތެރެއިން ނަން ހިނގާ މަޝްހޫރު ވިޔަފާރިވެރިއެކެވެ.
ޖާބިރުގެ ސިޔާސީ ހަޔާތް ފެށިގެން އައިސްފައިވަނީ 2004 ވަނަ އަހަރު ރައްޔިތުން މަޖިލީހުގެ ގއ.ގޮނޑި ކާމިޔާބު ކުރެއްވި ހިސާބުންނެވެ. އޭރުގެ ސަރުކާރުގައި ނުފޫޒު ގަދަ ބޭފުޅަކާ ވާދަކުރައްވާ ޖާބިރު ގޮނޑި ކާމިޔާބު ކުރެއްވުން ވެގެންދިޔައީ ސިޔާސީ މައިދާނުގައި ޖާބިރުގެ ނަން ލިޔެވުނު މައިގަޑު އެއް ސަބަބެވެ. ގއ އަތޮޅުގެ މެމްބަރުންކަމުގެ ފަސްއަހަރު ފުރުއްވުމަށްފަހު ކާށިދޫ ދާއިރާގެ މެމްބަރުކަންވެސް ޖާބިރު އަދާކުރައްވާފައިވެއެވެ. 2012 ވަނަ އަހަރު އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ބޭއްވި ކާށިދޫ ދައިރާގެ ބައި އިލްކެޝަންސްގައި އެމްޑީޕީން ވާދަކުރި ކެނޑިޑޭޓްގެ މައްޗަށް 188 ވޯޓްގެ ފަރަގަކާއި އެކު ޖާބިރު ކުރި ހޯއްދަވާ ކާމިޔާބުކުރެއްވީ ޖުމްހޫރީ ޕާޓގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެންނެވެ.
މިހާރު އަމަލުކުރަމުންދާ ފެހި ޤާނުނު އަސާސީ އެކުލަވާލި ޚާއްސަ މަޖިލީހުގައިވެސް މުހިއްމު މަސައްކަތަކެއް ޖާބިރު ވަނީ ކުރައްވާފައެވެ. އަދި ޤާނޫނު އާސާސީ ޑްރާފްޓް ކޮމެޓީގައިވެސް ޖާބިރުވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މީގެއިތުރުން މަޖލީހުގެ މާލިއްޔަތު ކޮމެޓީގެ މުގަރިރުކަންވެސް ޖާބިރު އަދާކުރައްވާފައިވެއެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ލިބި ޕާޓީތަކުގެ މަސައްކަތް ފެށުނު ފަހުން ޖާބިރު ވަނީ ރާއްޖޭގެ ބޮޑެތި ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަސައްކަތްކުރައްވާ އެ ޕާޓީތަކުގެ ލީޑަރ ޝިޕްގައި މަޤާމުތައްވެސް ފުރުއްވާފައެވެ. އެގޮތުން މިހާރު ވެރިކަން ކުރާ އެމްޑީޕީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި ކުރީގެ ދެ ރައީސުންކަމަށްވާ މައުމޫން އުފެއްދެވި ޑިއާރުޕީ އާއި ޔާމީން އުފެއްދެވި ޕީއޭގައިވެސް ޖާބިރު ވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ. ޑިއާރުޕީއާއި ޕީއޭ އުފެއްދެވުމުގައި އެންމެ އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް ޖާބިރު ހިމެނިވަޑައިގަންނަވައެވެ.
މާލެއަށް ފުރަތަމަ ވަޑައިގެން ހުންނެވި ގެއިން ހަވާލުކުރެއްވި މަސައްކަތެއްގެ ގޮތުން ލޮލީ ޑެލިވަރީކުރެއްވުމުގައި އުޅުއްވުމުން ލޮލީ ޖާބިރުގެ ނަންމުން ގިނަ ބަޔަކު މުޚާތަބު ކުރާ އަބްދުﷲ ޖާބިރަކީ ބުރަ މަސައްކަތުން ކުރިއަރާ ރާއްޖޭގެ ވިޔަފާރިންގެ ލިސްޓްގެ ކުރީގައި އުޅުއްވާ ބޭފުޅެކެވެ. ޖަބީރަކީ މިއަދު ސިޔާސީ ދައިރާގެ އިތުރުން ޓޫރީޒަމްގެ ދާއިރާގައިވެސް ނަން ހިނގާ އެ ދާއިރާތަކުގައި ނުފޫޒުގަދަ ބޭފުޅެކެވެ.
ކޮންމެ އަކަސް މަޖިލީހުގެ ރައީސްކަމަށް ވާދާކަރައްވާނެކަމަށް މިހާރު އިވެމުންދާ ތިން ނަމަށް ބަލާލާއިރު މި ތިން ބޭފުޅުންނަކީވެސް ސިޔާސީ ދައިރާގެ ނަން ހިނގާ ތިން ބޭފުޅުންނެވެ. މި ތިން ބޭފުޅުންގެ ނަމާއި އެކު މަޖިލިސް ރައީސްގެ މަގާމުގެ ވާދަވެރިކަން މިވަނީ އިތުރުވެފައެވެ.